ތަރައްގީގެ ކަންކަމަށާއި ގައުމަށް ހަމަޖެހުމާއި ރައްކާތެރިކަން ގެނައުމަށް މަޖިލިސް އިންތިހާބުގައި ސަރުކާރު ނިސްބަތްވާ ޕާޓީ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓުދެއްވައި މަޖިލިހަށް އެކެންޑިޑޭޓުން ހޮއްވަވައިދެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
އަންނަ އާދީއްތަ ދުވަހު ބާއްވާ މަޖިލީސް އިންތިހާބާއި ގުޅުވައިގެން ގދ. ގައްދޫ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީ ކެންޑިޑޭޓްގެ އިވެންޓްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ގާނޫނު އަސާސީ އޮތްގޮތުން، ކަންތައްތައްް ބައްޓަންވެފައި އޮތީ، ރައްޔިތުންގެ މަޖިލިހުގެ މުހިންމު އެއްބާރުލުންތަކެއް ކޮންމެހެންވެސް ލިބިގެން ނޫނީ ރައްޔިތުން ބޭނުންވާ ކަންކަން ނުކޮށްދެވޭނެ ގޮތަށް ކަމަށެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ މުހިންމުކަން ބޮޑުވާ ސަބަބު ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިންގެ މަސައްކަތް މިއަދާ ހަމައަށް ގޮސްފައިވާއިރު، މި އިންތިހާބުގެ މުހިންމުކަން ރައްޔިތުންނަށް ވަަރަށް ސާފްކޮށް ދެންނެވޭތޯ އެމަނިކުފާނު މަަަސަައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންނަށްވެފައިވާ ވައުދުތައް ފުއްދުމަށް މަޖިލީހުގެ ތެރެއިން ބޭނުންވާ އެއްބާރުލުން ވަރަށް ބޮޑަށް މުހިންމު ވެގެންދާ ކަމަށެވެ. އެއީ ތަރައްގީއަށްޓަކައި އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމުގައި ބޭނުންވަނީ ވަރަށް ބާރު ސްޕީޑްގައި ކަން ކުރުމަށް ކަަމަށްވެސް ވިދާޅުވިއެވެ.
“މި ދާއިރާގެ ރައްޔިތުން ކިބައިންވެސް އެދެން އޮތީ، އިންތިހާބުގައި ވޯޓު ދެއްވާއިރު، މި ދަންނަވާ އެއްބާރުލުން އަޅުގަނޑަށް ދެއްވާނެ ބޭފުޅަކު ތިޔަބޭފުޅުން ހިޔާރު ކުރުން އެއީ ވަރަށް މުހިންމު ކަމެކޭ. މި ފަަސް އަހަރަކީ ތިޔަބޭފުޅުންގެ ތަރައްގީއަށްޓަަކައި، ތިޔަބޭފުޅުން ތި އެދިވަޑައިގަންނަވާ ތަރައްގީ ހާސިލް ކުރުމުގައި އެއްވެސް ކަހަލަ އުނދަގުލެއް ކުރިމަތިވިޔަ ނުދޭނެ ފަސް އަހަރަށް ހެއްދުވުމަށްޓަކައި މި ވޯޓު މުހިންމު ވެގެން މި ދަނީ،”. ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބާކީ މި އޮތީ ދެ ތިން ދުވަސް ކަމަށާއި މިހާތަނަށް ކޮށްފައިވާ މަސައްކަތުގެ އިތުރުން، އިތުރު ހަރުފަތްތަކަކަށް އެންމެން އެކުވެރިކަމާއި އެކީގައި މަސައްކަތް ގެންގޮސްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ގައުމުގެ މުސްތަގުބަލަށްޓަކައި، މިހާރަށްޓަކައި ނިންމާ ނިންމުމަކަށް މިކަން ކޮށްދެެއްވާ ތަރައްގީއާއި ހަމަޖެހުމާއި ރައްކާތެރިކަމަށް ދެއްވާ ވޯޓެއްގެ ގޮތުގައި ކެންޑިޑޭޓުން ހޮވައިދިނުމަށް ރައީސް ވިދާޅުވިއެވެ.

