މިސަރުކާރުގެ ފިކުރު ނޫން އެހެން ފިކުރެއްގެ ބަޔަކު މަޖިލިހަށް އަތުވެއްޖެނަމަ ގެންގުޅޭނީ އަމިއްލަ އެޖެންޑާތަކެއް ކަމަށާއި އެހެންކަމުން މި ފަސް އަހަރު މިކަމުގައި ދެވަނަ ވިސްނުމަކަށް ގޮސް ވަގުތު ބޭކާރުކޮށް ނުލުމަށް މަޖިލިހަށް މި ސަރުކާރުގެ މައިޕާޓީ ޕީއެންސީގެ ފަރާތުން ކުރިމަތިލައްވާފައިވާ ބޭފުޅުންނަށް ވޯޓުދެއްވައި މަޖިލިސް އިންތިހާބުގައި އެބޭފުޅުން ހޮއްވަވައިދެއްވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
ހެންވޭރުގެ ހަތަރު ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަށް ކެމްޕެއިން ކޮށްދެއްވުމަށް މިރޭ ރޯޝަނީމަގުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މި ފަސް އަހަރަކީ މިކަމުގައި ދެވަނަ ވިސްނުމަކަށް ގޮސް ވަގުތު ބޭކާރުނުކޮށް، މަޖިލިހަށް އެހެނިހެން ފިކުރުގެ މީހުން ނުގެނައުމަށެވެ.
ހެންވޭރުގެ ހާއްސަކަމާއި ހެންވޭރު މުހިންމު ވާ ކަން ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ، ހެންވޭރު އެމަނިކުފާނަށް ފާހަގަވާ ސަބަބަކީ އެމަނިކުފާނު މޭޔަރުކަމަށް ކުރިމަތިލެއްވި ފަހަރު، ހެންވޭރުގެ ހުރިހާ ފޮށްޓަކުން އެމަނިކުފާނަށް ވޯޓު ދެއްވިކަމަށާއި ރައީސްކަމަށް ކުރިމަތިލެއްވި ރިޔާސީ އިންތިހާބުގައިވެސް ހެންވޭރުގެ މެޖޯރިޓީ އެމަނިކުފާނަށް ތާއީދު ކުރެއްވިކަން ފާހަގަކުރެއްވިއެވެ. އަދި މި މަޖިލިހަށް މެންބަރުން ހޮވުމުގައި އެމަނިކުފާނަށް ކުރިން ދެއްވި ތަރުހީބު ދެއްވުމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެންމެ ދަތިވެފައިވާ ގެދޮރުވެރިކަމުގެ މައްސަލައާއި ދެންވެސް ދަތިވެފައިވާ ކުދިކުދި އެހެނިހެން މައްސަލަތަކަށްވެސް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން މިރޭވެސް ދެއްވާކަމަށެވެ، މިކަންކަން ޔަގީންކަމާއެކު ބާރު ސްޕީޑުގައި ކުރެވޭނީ މަޖިލިހުގެ އެއްބާރުލުން ލިބިގެން ކަމަށެވެ. އެހެނީ ސަރުކާރަކުން ރައްޔިތުންނަށް ކޮޮށްދޭންވާ ކަންކަމުގައި މަޖިލިހުން ދޭން ޖެހޭ މުހިންމު އެއްބާރުލުމެއް އޮންނަކަމަށާއި އެއީ އެ އެއްބާރުލުމާ ނުލައި އެމަނިކުފާނު ރައްޔިތުން ކޮށްދިނުމަށް ވައުދުވެވަޑައިގެންފައިވާ އެއްވެސްކަމެއް ކޮށްދިނުމަކީ ކުރެވޭނެ ކަމެއްނޫންކަމަށެވެ.
މުހިންމު ކަންތައްތައް މިހާރު ބޭނުންކުރާ ބަޖެޓު އޮތްގޮތަށް ދެން އޮތް 4 އަހަރަށް ބަޖެޓު ފާސްކޮށްގެން އެމަނިކުފާނު ބޭނުންވެވަޑައިގަންނަަވާ ގޮތަށް ކަންކަން ކުރެވޭނެ ގޮތެއް ނެތްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މާލޭގެ ގެދޮރުވެރިކަމަށް ހައްލެއް ހޯދާކަމަށް ވާނަމަ، ދުނިޔޭގެ އެހެނިހެން ބައިބޯ ތަރައްގީވެފައިހުރި ގައުމުތަކުގައި، ސިޓީތަކުގައި، ގެދޮރުވެރިކަމުގެ މައްސަލަ ހައްލު ކުރަން ހަދާފައި ހުރި އަމަލުކުރަމުންދާ މުހިންމު ގާނޫނު އިންސްޓުްރޫމަންޓްތައް އެބަހުރިކަމަށާއި އެފަދަ ގާނޫނުތައް އެމަނިކުފާނު މެނިފެސްޓޯގައި ހިމަނާފައިވާ ކަމަށާއި އެގާނޫނުތައް ތައާރަފް ކުރައްވަން ބޭނުންފުޅު ވިނަމަވެސް މަޖިލިހުން އެކަން ނުކޮށްދޭނަމަ އެކަން ކުރާނެ އެއްވެސް ގޮތެއް ނޯންނާނެކަމަށާއި މަޖިލިސް މުހިންމުވާ ސަބަބަކީ މިއީ ކަމަށެވެ. މިފަދަ ކިތަންމެ ކިތަންމެ ކަމެއް އެބަހުރިކަމަށާއި ސަރުކާރުން ކިތަންމެ ބާރު ސްޕީޑުގައި މިފަދަ ކިތަންމެ މުހިންމު ކަންތައްތަކެއް ކޮށްދޭން އުޅުނަސް މަޖިލިހުގެ އެއްބާރުލުން ނެތި، މަޖިލިހުގެ އެކަންތައްތައް ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. މަޖިލިހުގައި ތިބެންވާނީ މިފަދަކަންކަމަށް އެއްބާރުލުން ދޭނެ ބޭފުޅުންކަމަށާއި އަދި މިފަދަ ކަންކަމަށް އެއްބާރުލުން ދޭން ޕީއެންސީން ކުރިމަތިލައްވާފައިވާ ބޭފުޅުން ތިއްބެވީ ތައްޔާރަށް ކަމަށެވެ. އެހެންކަމުން ޕީއެންސީގެ ފަރާތުން ކުރިމަތިލައްވާ 17 ބޭފުޅުންނަށް ވޯޓުދެއްވުމަށް އެދިވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވިއެެވެ.
މި ފަސް އަހަރަކީ މިކަމުގައި ދެވަނަ ވިސްނުމަކަށް ގޮސް ވަގުތު ބޭކާރުކޮށްލާނެ ފަސް އަހަރަށް ނުހެދުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. ރައީސް ވިދާޅުވީ މިސަރުކާރުގެ ފިކުރު ނޫން ދެވަނަ އެހެން ހިޔާލެއް ގެންގުޅޭ ބަޔަކު މަޖިލިހަށް އަތުވެއްޖެނަމަ ގެންގުޅޭނީ އަމިއްލަަ އެޖެންޑާތަކެއް ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ގާނޫނު އޮތްގޮތުން ޕާޓީތަކަށް މުހިންމު ދައުރުތަކެއް އޮންނަ ކަމަށާއި އެޕާޓީއަކުން ހޮވޭ މީހަކު އެޕާޓީތަކުގެ ސިޔާސަތަށް ބަލަން ޖެހޭ ކަމަށާއި، އެހެންޕާޓީއަކުން މިކޯލިޝަނުން މިފިކުރުގެ ބަޔަކު ނޫންބަޔަކު މަޖިލިހަށް، ހޮވައިފިނަމަ، މަޖިލިހުގައި ކަންކަމަށް ވޯޓުދޭ ގަޑީގައި އެފަރާތްތަކުން ވޯޓުދޭނީ ކޮންމެވެސް ކަމަކާ ހުރެ ރައްޔިތުންނަަށް ބޭނުންވާ ގޮތަށް ރައްޔިތުން ކަންތައް ކުރަން ބޭނުންވާ ކަންކަމަކަށް ނޫންކަމަށެވެ. އެފަރާތްތަކުން ވޯޓުދޭނީ އެފަރާތްތައް ނިސްބަތްވާ ޕާޓީއަކަށް މުހިންމުވާ ގޮތަކަށް ކަމަށެވެ.
އެހެންކަމުން މަޖިލިސް އިންތިހާބުގައި މާލޭގެ ހުރިހާ ދާއިރާއަކުންވެސް ޕީއެންސީން ކުރިމަތިލައްވާފައިވާ 17 ކެންޑިޑޭޓުންނަށް ވޯޓުދެއްވައި މަޖިލިހަށް ހޮއްވަވައިދެއްވުން އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

