ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ބާކީ 3 ދުވަސް ވެއްޖެއެވެ.
މިމަހުގެ 21ގައި ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ބާކީ ތިން ދުވަހަށް ވެފައިވާއިރު، 287،462 ވޯޓު ކަރުދާސް ޗާޕު ކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ މިފަހަރު ވޯޓު ކަރުދާސް ޕްރިންޓް ކުރީ ނޮވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާސް ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްގެން ކަމަށެވެ. އިންތިހާބުގެ ވޯޓު ކަރުދާހާއި އިންތިހާބީ މަރުކަޒަށް ބޭނުންވާ އިދާރީ ސާމާނު އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް އީސީ އިން މިހާރު ވަނީ ފަށާފަ އެވެ.
ވޯޓު ފޮށިތައް ބަހައްޓަން މިފަހަރު ހަމަޖެހިފައިވާ ބޭރުގެ ގައުމުތަކަކީ ސްރީލަންކާ، އިންޑިއާ އަދި މެލޭޝިޔާ އެވެ. މި ތިން ގައުމަށް ވެސް ތަކެއްޗާއި އޮފިޝަލުން ފޮނުވާނީ ހުކުރު ދުވަހު ކަމަށް އީސީ އިން ބުނެ އެވެ.
އީސީ އިން ބުނީ ރަށްރަށަށް ވޯޓު ކަރުދާހާއި ވޯޓު ފޮށިތަކާއި ސެކިއުރިޓީ ބޮކްސްތައް ފޮނުވަނީ އެ ކޮމިޝަންގެ މުއައްޒަފުންނާއި ދިވެހި ފުލުހުންގެ ބެލުމުގެ ދަށުން ސަލާމަތާއި ރައްކާތެރިކަމާ އެކު ކަމަށެވެ.
މިފަހަރުގެ މަޖިލިސް އިންތިހާބުގައި ޖުމުލަ 284،663 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު އެއީ އެއީ 145،302 ފިރިހެނުންނާއި، 139،361 އަންހެނުންނެވެ.
މަޖިލީހުގެ 93 ދާއިރާ އަކަށް މެންބަރުން ހޮވުމަށް ބާއްވާ މި އިންތިހާބުގައި ޖުމްލަ 600އަށްވުރެ ގިނަ ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވެ އެވެ. އެގޮތުން މާލެ ސަރަހައްދުގައި 241 ވޯޓު ފޮށި ބަހައްޓާއިރު އޭގެ ތެރޭގައި ހިމެނެނީ މާލޭގައި 181 ފޮށި، ހުޅުމާލޭގައި 51 ފޮށި އަދި ވިލިމާލޭގައި ނުވަ ވޯޓު ފޮށްޓެވެ.
އޭގެ އިތުރުން އަތޮޅު ތަކުގައި 319 ވޯޓު ފޮށި ބަހައްޓާނެ އެވެ. އަދި ރިސޯޓުތަކުގައި 34 ވޯޓު ފޮއްޓާއި ޖަލުތަކުގައި ފަސް ވޯޓު ފޮށި ބެހެއްޓުމަށް ވެސް އީސީން ނިންމާފައިވެ އެވެ.

