އިހު ޒަމާނުގައި ހުވަދުއަތޮޅު ހުޅުވާރުލަކީ މީހުން އުޅުނު ރަށެއް ކަމަށް ވެއެވެ. ފަހުން އެރަށް ފަޅުވީ ކަމަށް ވެސް ބުނެވެއެވެ.
އެ ޒަމާނުގައި އެރަށުގެ އެންމެ ހާއްސަ ކަމަކީ އެރަށު އަންހެނުން ރީތި ކަމެވެ. އޭރު އެރަށުގައި އުޅުނު އަންހެނުންނަކީ އާދަޔާހިލާފަށް ރީތިބައެއް ކަމަށް ބުނެވެއެވެ. އަދި މިކަމުގެ ސަބަބުން އެ ރަށް ވަނީ މުޅި އަތޮޅުގައި މަޝްހޫރު ވެފައެވެ.
އެދުވަސްވަރު އެރަށުގެ ވެރިއަކަށް ހުރީ ހުޅުވާރުލުކަލޭފާނު ނަމަކަށް ކިޔާ މީހެކެވެ. އަދި މި ކަލޭފާނުގެ ވެރިކަމުގައި އެރަށުގައި ގުއްބުޑިއޭ ކިޔާ މީހަކު އުޅުނެވެ، މިއީ މާބޮޑު މުއްސަންޖެކެވެ. މި ދެމީހުންވެސް އެރަށުގައި އުޅުމާއެކު އެރަށުގެ ރައްޔިތުން ވަރަށް ސުލްހަވެރިކަމާއެކު އެތައް ދުވަހެއް ވަންދެން އެ ރަށުގައި ދިރިއުޅެމުން ދިޔައެވެ، ދެން ކުއްލިއަކަށް ފެނުނީ ހުޅުވާރުލު ކަލޭފާނާއި ގުއްބުޑިއާ ދެމެދު ކޮންމެވެސް މައްސަލައެއް ޖެހި ދެބަސްވީ ތަނެވެ.
ހުޅުވާރުލު ކަލޭފާނާއި ގުއްބުޑިއާ ދެބަސްވުން މައްޗަށް ދަމުން ގޮސް ރަށުގެ ރައްޔިތުންނަށްވެސް އެކަމުގެ އުދަނގޫ ފޯރާ ހިސާބަށް ހިނގައްޖެއެވެ. ސަބަބަކީ އެކަކީ ރަށުގެ ވެރިމީހާއަށް ވެފައި އަނެއް މީހާއަކީ ރަށުގެ އެންމެ މުއްސަނދި މީހާއަށް ވުމުން އެދެމީހުން ކުރާ ކަންތަކުން އާންމު ރައްޔިތުންނަށް އަސަރު ފޯރާތީއެވެ.
މިދެމީހުންގެ ދެބަސްވުން ވަރަށް މައްޗަށް ގޮސްފައި ވަނިކޮށް އެރަށު މީހުންނަށް އަނެއްކާ އިތުރުކަމެއް ޖެހިއްޖެއެވެ، އެއީ އެރަށަށް ފުރޭތައެއް އަރަން ފެށުމުން ކަމަށްވެއެވެ. މިކަމާ ހެދި ރަށު މީހުންނަށް ރޭގަނޑަކު ހަމަ ނިންޖެއް ވެސް ނުލިބޭ ކަމަށްވެއެވެ. އަދި ދެން ވާން ފެށި ގޮތަކީ ފުރޭތައަރަން ފެށުމާއެކީ ރަށުތެރެއިން މީހުން މަރުވާން ފެށީއެވެ،

ހުވަދުއަތޮޅުގެ މަންޒަރެއް….
މިދެކަންތަކާ ހުރެ ރަށުގެ ރައްޔިތުން ހާސްވެ ކަންބޮޑުވުމެއްގެ ތެރެއަށް އަރަގުވެއްޖެއެވެ. ހަދާނެ ގޮތް ހުސްވެއްޖެއެވެ.
މިފަދަ ދަތި ހާލެއްގައި ހުޅުވާރުލުގެ މީހުން އުޅެމުންއަންނަނިކޮށް އެރަށުގެ އަންހެނުންގެ ރީތިކަމުގެ މައްސަލަ އަނެއްކާ މާބޮޑުވެއްޖެއެވެ. ރަށުގެ އަންހެނުން ރީތި ކަމުން އަތޮޅުގެ އެހެން ރަށްރަށުން ފޯރާމީހުން އައިސް މިރަށުގެ އަންހެނުންނާ އިނދެގެން މާގިނައިން ރަށުން ގެންދާން ފަށައިފިއެވެ. މިކަންތައް މިހެން ވާން ފެށުމުން އެރަށުގެ ފިރިހެނުންނަކީ މާ ރީތި ބަޔަކަށްވެސް ނުވާތީއާއެކު އެރަށުގެ ފިރިހެނަކާ އިންނާނެ ކުއްޖަކުވެސް އެރަށުން ނުވާން ފަށައިފިއެވެ. ބޭރުރަށްރަށުގެ މީހުންނާ އިނދެގެން އެރަށު އަންހެންކުރިން ރަށުން ބޭރަށް ގެންދިއުން ގިނަ ވެގެން ގޮސް އެރަށުން އަންހެން ކުދިން ހުސްވާ ހިސާބަށް އެންމެ ފަހުން ކަންތައް ހިނގައްޖެއެވެ.
ދެން މިކަމާމެދު އެރަށުގެ ފިރިހެނުން އެކި ދޭދޭ މީހުން ވާހަކަ ދައްކަމުން ގޮސް އެންމެފަހުން ރައްޔިތު ހުރިހާ ފިރިހެނުން އެއްވެ، ހަދާނޭ ގޮތަކާމެދު މަޝްވަރާކޮށްފިއެވެ. އެންމެނަށްވެސް ފެނުނީ އެރަށުގައި އުޅެވޭނެ ގޮތެއް ހަމަނެތްކަމަށެވެ. އަދި ރަށް ދޫކޮށްލާފައި ދިއުން ނޫންގޮތެއް ނެތްކަމަށެވެ.
މިގޮތަސް އެންމެމް އެއްބަސްވުމަށްފަހު ރަށުގައި ތިބި ހުރިހާ ފިރިހެނުން އޭރު ތިބި އަންހެނުންކޮޅާއެކު ފުރަފުރައިގެން އަތޮޅުގެ އެކިރަށްރަށަށް ދިޔައީއެވެ. އެދުވަހުންފެށިގެން ހުޅުވާރުލަކީ ފަޅުރަށެކެވެ.
(ނިމުނީ)
{"ކުރީގެ ހުވަދުއަތޮޅު" މި ފޮތް ލިޔުއްވާފައިވާ ނ.ތ ހަސަންދީދީ ފޮތް ފަށްޓަވަމުން ލިޔުއްވާފައިވެއެވެ.
ފުލޯކު ވާހަކައަކީ ވެސް ހަގީގަތުގައި ކޮން އެއްޗެއްކަން ވިސްނާލުން ރަނގަޅުވާނެ އެވެ. ފުލޯކު ވާހަކަކަމަށް ކިޔައި އުޅޭ ވާހަކަތަކުގައިވެސް ގިނަ ފަހަރަށް ފެންނަނީ ހަގީގަތެއްގެ ނުވަތަ ތެދުގެ ކޮންމެވެސް މިންވަރެއްގެ އޮށްޓަރު އެކުލެވިފައިވަނިކޮށެވެ، އަމީރު ހަމްޒާ، ރުސްތުމް، އަކްބަރު ރަސްގެފާނު އަދި ބީރުބަލް ވަޒީރުފަދަ ނަންތަކަކީ އެއްވެސް މީހަކު ދެބަސް ނުވާނެ ގޮތުގައި ހަގީގީ މީހުންގެ ނަންނަމެވެ. ދެ ހާޖީންނާއި ދަންޑެހެލަކީވެސް އުޅުނު މީހުނެވެ. އެމީސްމީހުންނާއި އެމީސްމީހުން ހަރަކާތްތެރިވި ތަންތަނާއި ކުރި ކަންތަކުގެ ހަގީގަތުގެ ތެރެއަަށް ފޮނިތޮށި ކާފޫރުތޮޅި ލުމަކުން، ވާހަަކަ އިތުރުކޮށް މަޖާކޮށްލުމަކުން، އެމީހުންނާއި އެމީހުން ކުރި ކަންތަކަކީ ނޫޅޭ މީހުންނާއި ނުކުރާ ކަންތަކަކަށް ކޮންމެހެން ވާކަށް ނުޖެހެއެވެ.
މިލިޔުންތަކުގައި ވާ ގިނައެއްޗެހީގެ މައްޗަށް މިދެންނެވި ނަޒަރުން ވިސްނާވަޑައިގަތުމަކީ އަޅުގަނޑުގެ އެދުމެކެވެ. ތުންތުންމަތިން އައިސްފައި ހުންނަ ވާހަކަތަކަކީ އެކި ހިސާބުގައި އަދި ބައެއްފަހަަރަށް ކައިރީގައި އޮންނަ ދެރަށެއްގައިވެސް ތަފާތު ގޮތްގޮތަށް ކިޔައި އުޅޭ ވާހަކަތަކެކެވެ. މީގައި ލިޔެފައިވަނީ އަޅުގަނޑަށް އިވިފައިވާ އެނގިފައިވާ ގޮތަކަށެެވެ. މިއާ ތަފާތު މިއަށްވުރެ ސައްހަކަން ބޮޑު ގޮތްގޮތަށް ވެސް ބައެއް ވާހަކަ މީހުން ކިޔައި އުޅުން މުޅިން އެކަށީގެންވެއެވެ.)
(މިއީ ނ.ތ ހަސަންދީދީ ހުވަދުއަތޮޅާ ބެހޭ ގޮތުން ލިޔުއްވާފައިވާ "ކުރީގެ ހުވަދުއަތޮޅު" މިފޮތުން ނެގިފައިވާ ވާހަކައެކެވެ. މި ފޮތުގައި ހުވަދުއަތޮޅުގެ ތާރީހީ އެތައް ވާހަކަތަކަކާއި މިފަދަ ކުދި ތުންތުން މަތިން އިވިފައިވާ ރަށްރަށާ ގުޅުންހުރި ވާހަކަތައްވެސް އެފޮތުގައި ހިމެނެއެވެ. އެފޮތުގައި ހިމެނޭ ހުވަދުއަތޮޅުގެ ތާރީހާއި މިފަދަ ވާހަކަތައް ގެނެސްދިނުމުގެ ނިޔަތުގައި ލިޔުނީމެވެ. އަދި ސިލްސިލާ ގޮތަކަށް ނަމަވެސް ހުވަދުއަތޮޅުގެ ކުރީގެ ހަނދާންތަކުގެ ތެރެއަށް ދިއުމަށް އެފޮތުގައި ހިމެނޭ ލިޔުންތައް ގެނެސްދިނުމަށް ގަސްދުކުރަމެވެ. ޝުކުރިއްޔާ)

