މ. ދިއްގަރުގައި 75 ހައުސިން ޔުނިޓު އަޅަން މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓިސީސީ)އާ ހަވާލުކޮށްފިއެވެ.
ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރުއުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވޮލޮޕްމެންޓުގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކެރެޓަރީ ޒީނިއާ އަހުމަދު ހަމީދެވެ. އަދި އެމްޓިސީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދުއެވެ.
ދިވެހި ސަރުކާރުންނާއި ޕީއެސްޕީން ހަރަދުކޮށްގެން ހިންގާ މި މަޝްރުއުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރީ 117 މިލިއަން ރުފިޔާއަށް ޖުމްލަ 420 ދުވަސް ތެރޭގައި މަސައްކަތް ނިންމައި ހަވާލުކުރާ ގޮތަށެވެ.
މި މަޝްރޫއުގެ ދަށުން ތިން ކޮޓަރިއާއި ތިން ފާހާނާ އަދި ސިޓިން ރޫމާއި ބަދިގޭގެ އިތުރުން ސްޓޯރ ރޫމާއި، ލޯންޑްރީ އާއި ކާގެ ހިމެނޭ ގޮތަށް 1000 އަކަފޫޓު ކޮންމެ އެޕާޓުމަންޓެއްގައި ހުންނަންޖެހެއެވެ.

ދިއްގަރުގައި 75 ހައުސިން ޔުނިޓު އަޅަންއެމްޓިސީސީއާ ހަވާލުކުރި ރަސްމިއްޔާތުގެ ތެރެއިން….ފޮޓޯ:އެމްޓީސީސީ އެކްސްޕޯސްޓް
މީގެ އިތުރުން، އެ އިމާރާތްތަކުގެ ވަށާފާރާއި، އެ ޔުނިޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފައްސޭހަ ކުރުމަށް ވަށައިގެން ލައިޓްވެސް މި މަޝްރޫއުގެ ދަށުން ހަރުކުރަންޖެހެއެވެ. އަދި ޕާކަކާއި ވެހިކަލް ޕާކު ކުރާނެ ސަރަހައްދެއްވެސް މި މަޝްރޫއުގެ ދަށުން ގާއިމުކުރަންޖެހެއެވެ.
މި ނިމުނު މާރިޗު މަސްތެރޭގައި ރައީސް ޑރ. މުއިއްޒު ދިއްގަރަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި، ދިއްގަރު ރައްޔިތުން ފާހަގަކުރި މައްސަލަތައް ހައްލުކުރައްވައި، ބޭނުންވާ ކަންކަން ހަގީގަތަކަށް ހައްދަވައި ދެއްވާނެކަން ހާމަކުރެއްވުމާއެކު، ދިއްގަރުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ހައުސިން މަޝްރުއުގެ ތެރެއިން 75 ހައުސިން ޔުނިޓު އެރަށުގައި އަޅައި ދެއްވާނެ ކަމަށާއި އަދި އެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ދިއްގަރުގައި ހައުސިން ޔުނިޓު އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

