ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޔޫސުފް ނައީމް ރިޝްވަތު ދިން ކަމަށް އިއްވާފައިވާ ޖަލު ހުކުމް ބާތިލުކުރަން ހައިކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ޔޫސުފް ނައީމްގެ މައްޗަށް އޭރު ކޯޓުން ކުރި ހުކުމުގައި ވަނީ ވ. އާރަށް، ޔޫސުފް ނައީމަށް ދޫކުރީ ރައީސް ޔާމީނަށް އެއް މިލިއަން ޑޮލަރުގެ ރިޝްވަތެއް ދީގެން ކަމަށެވެ. ނަމަވެސް މިއަދު ޝަރިއަތުގައި ބުނެފައިވަނީ ޔޫސުފް ނައީމް ރިޝްވަތުގެ ގޮތުގައި ޔާމީނަށް ދިން ކަމަށް ބުނި އެއް މިލިއަން ޑޮލަރަކީ ރިޝްވަތު ކަމަށް އެކަށިގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް އެނގެން ނެތް ކަމަށް ހުކުމްކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެ މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް އޭރު އުފުލީ ރިޝްވަތު ދިނުމުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެ، އޭނާގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވިއެވެ. ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ފާހަގަކޮށްފައިވާ މައިގަނޑު ހަތަރު އިސްތިއުނާފީ ނުކުތާއަށް ވެސް ހައިކޯޓުގެ ފަނޑިޔާރުން ވަނީ ތާއީދުކޮށްފައެވެ. އެގޮތުން، ދަށު ކޯޓުގެ ހުކުމަކީ ގާނޫނީ އިމުގެ ބޭރުންކޮށްފައިވާ ހުކުމެއްކަން ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން އިއްތިފާގުވިއެވެ.
ހައި ކޯޓުން މިއަދު ނިންމީ ދަށު ކޯޓުގެ ނިންމުން ބާތިލުކޮށް އަލުން މައްސަލަ އަނބުރާ ކްރިމިނަލް ކޯޓަށް ފޮނުވުމަށެވެ. އެގޮތަށް ނިންމީ މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
އަދަބު ކަނޑައެޅުމުގައާއި ހެކި ބަލައިގަތުމުގައި ވެސް ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް ހައިކޯޓުގެ ހުކުމުގައި ވަނީ ފާހަގަކޮށްފައެވެ. އެހެންވެ، އެ މައްސަލަ އަލުން ބަލަން ވަނީ އަމުރުކޮށްފައެވެ.

