މިނިސްޓްރީ އޮފް ސްޕޯރޓްސް، ފިޓްނެސް އެންޑް ރިކްރިއޭޝަން އާއި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ދެމެދު، ރޭސިންގ އަދި ޑްރިފްޓް ސްޕޯޓްސް އެރީނާއެއް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އަބްދުﷲ ރާފިއު ސޮއި ކުރެއްވިއިރު އެޗްޑީސީ ގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ.
ރޭސިންގ އާއި ޑްރިފްޓް ސްޕޯޓްސް އެރީނާއެއް ތަރައްގީ ކުރުމަކީ، ސަރުކާރުން ތަފާތު ކުޅިވަރުތައް ކުރިއެރުވުމަށް ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަޝަރޫއެއް ކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ.
އެޗްޑީސީ އިން ބުނީ މި މަޝްރޫއުގެ ސަބަބުން މޮޓޯރ ސްޕޯރޓްސްއަށް އެކަށޭނެ ސަރަހައްދެއް ނެތުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.
ރައްކާތެރި ގޮތެއްގައި މޮޓޯރ ސްޕޯރޓްސް ގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް، ރޭސިންގ އަދި ޑްރިފްޓް ސްޕޯރޓްސް އެރީނާ އަކީ ރަނގަޅު ފުރުސަތެއްގެ އިތުރުން ވަރަށްވެސް ހެޔޮފާލެކެވެ. އަދި މި އެެރީނާ ތަރައްގީކޮށް ނިމުމުން މޮޓޯރސްޕޯޓްސްއަށް ރައްކާތެރިކަމުގެ ފުރުސަތު ލިބިގެންދާނެ ކަން ޔަގީނެވެ.

