ތ. ކިނބިދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ކިނބިދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައި ދެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ހާމަކުރި ގޮތުގައި ކިނބިދޫ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއެވެ. މި މަޝްރޫއަށް 148.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިދިޔަ އަހަރުގެ އޮގަސްޓް 21 ގައި މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، މި މަސައްކަތް ނިންމަން ޖެހޭނީ 240 ދުވަސް ތެރޭގައެވެ.
މި މަޝްރޫއުގެ ދަށުން މައިގަނޑު ގޮތެއްގައި ކުރުމަށް ހަމަޖެހިފައިވާ ކަމަކީ ކިނބިދޫގެ އިރުމަތީ ފަރާތުން 25 ހެކްޓަރުގެ ބިން އިތުރު ކުރުމެވެ.
މި ރަސްމިއްޔާތުގައި ދި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އަހުމަދު އަލީ ހަބީބާއި ރައްޔިތުންގެ މަޖިލިހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި އެމްޓީސީސީގެ ޗީފް ޕްރޮޖެކްޓް މެނޭޖްމަންޓް އޮފިސަރު އަހުމަދު ލަތީފާއި ކިނބިދޫ ކައުންސިލްގެ ރައީސް އަލީ ހުސެއިން އަދި ސަރުކާރުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

