ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުުލްގައްޔޫމަށް ކޮށްފައިވާ ޖަލު ހުކުމުން އެމަނިކުފާނު މިނިވަންވެއްޖެއެވެ.
މި ވަގުތު ގޭބަންދުގައި ހުންނެވި ޔާމީން މިނިވަންވީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން 25 ޑިސެންބަރު 2022 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހަތަރު އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން މިއަދު ބާތިލްކޮށް އަލުން އެ މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓަށް އެންގުމުންނެވެ.
ހައިކޯޓުގެ ހުކުމްގައި ބުނާ ގޮތުން ޔާމީންގެ ދިފާއީ ހެކިތައް ނަފީކުރަން ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ގޯހެވެ. އަދި އެފަދަ ހެކިތައް ބަލައިގަނެވޭނީ އިސްތިސްނާ ހާލަތްތަކެއްގައި ކަމަށާއި ޔާމީންގެ މައްސަލާގައި ދަށު ކޯޓުން އެކަންކުރީ ކޮންމެހެން އެކަން ކުރަންޖެހޭ އެކަށީގެންވާ ސަބަބެއް ބަޔާން ކުރުމެއް ނެތި ކަމަށް ހުކުމުގައި ބުނެފައިވެއެވެެ. އަދި އެ ފުރުސަތު ދިނުމުގެ ކުރިން އެކަންކަމާ މެދު ވާހަކަ ދައްކަން ޔާމީންގެ ވަކީލުންނަށް ފުރުސަތު ދީފައިނުވާ ކަމަށް ހުކުމުގައި ވަނީ ފާހަގަކޮށްފައެވެ.

ފޮޓޯ:،ވަން
ހައިކޯޓުގައި ހުކުމްގައި ބުނެފައިވަނީ އެ މައްސަލާގައި ޝަރީއަތުގެ ކުރީގެ މަރުހަލާގައި އަމަލުކުރި ގޮތުން ހެކިތަކަށް ބަދަލު އައުމުގެ ފުރުސަތު އޮތުމުން އެ މައްސަލަ އަލުން ބެލުމަށްޓަކައި ކްރިމިނަލް ކޯޓަށް ތަހުވީލުކުރީ ކަމަށެވެ.
ހައިކޯޓުން ބޭއްވި، ހުކުމް އިއްވުމުގެ ޝަރީއަތުގައި ހައިކޯޓުން އެ މައްސަލާގެ އިސްތިއުނާފުގެ ހުކުމް އިއްވާފައިވަނީ ދަށު ކޯޓުގެ ނިންމުން ބާތިލުކޮށް، އަލުން އެމައްސަލަ ބެލުމަށް ކްރިމިނަލް ކޯޓަށް ފޮނުވުމަށް ވަނީ އަމުރުކޮށްފައެވެ.
އިސްތިއުނާފުގެ ހުކުމް އިއްވެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ހަސަން ޝަފީއު އާއި ހުޒައިފާ މުހައްމަދު އަދި މުހައްމަދު ސަލީމެވެ. ރިޔާސަތު ބެއްލެވީ ފަނޑިޔާރު ޝަފީއުއެވެ.
މި ހުކުމް އިއްވަވާފައިވަނީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ރައީސް ޔާމީން މިނިވަންވެވަދައިގެންނެވިއިރު، ރައީސް ޔާމީން މިނިވަންވާނެކަމަށް އުއްމީދުކުރައްވާކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފައެވެ.
އާރަށް މައްސަލައިގައި ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރީ، ދައުލަތުން އިއްވި، މަނީލޯންޑަރިންނާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާ އެ މަނިކުފާނުގެ މައްޗަށް ސާބިތު ވުމުންނެވެ.
އެ ހުކުމް އެ މަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކުރީ، މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. އެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން ނިންމާލައިފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުގައެވެ.

