ގދ ފިޔޯރީ މަގުމަތީ ލައިޓް ސިސްޓަމް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ހުވަދޫ ނިއުސް އަށް މައުލޫމާތު ދެެއްވަމުން ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދު ވިދާޅުވީ، ފިޔޯރީ މަގުމަތީ ލައިޓް ސިސްޓަމް ބަދަލުކުރުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށާއި، މި ޕްރޮގްރާމަކީ މިހާރު މަގު ބައްތިތަކުގައި ހުރި 4 ފޫޓް ހޮޅިބުރި ތަކުގެ ބަދަލުގައި ޒަމާނީ ލެޑް ލައިޓް ބަދަލުކުރުމާއި، ޒަމާނުއްސުރެން ފެށިގެން 24 ގަޑިއިރަށް މަގުމަތީ ބައްތިތަކަށް ކަރަންޓު ބިލް ހަދަމުންދާ ދިއުން ނިމުމަކަށް ގެނައުމުގެ ގޮތުން ޒަމާނީ ފެންވަރުގެ ޓައިމަރ ހަރުކުރެވި 12 ގަޑިއިރަށް ބަދަލު ކުރެވިގެން ދާނެ ޕްރޮގްރާމެއް ކަމަށެވެ.
ފައިޒަރު އިތުރަށް ވިދާޅުވީ، މީގެ އެންމެ ބޮޑު ބޭނުމަކީ މިހާރު މަގު ލައިޓް ތަކަށް ފެނަކައަށް ކޮންމެ މަހަކު ދައްކަން ޖެހޭ 20،000 (ވިހިހާސްރުފިޔާ) ކަރަންޓު ބިލް 60 އިންސައްތަ ކުޑަކުރުން ކަމަށާއި، މިވަގުތު ހިންގަމުންދަނީ ކަރަންޓު ނެޓްވޯކް ބޭނުންކުރާ ލައިޓް ބަދަލުކުރުމުގެ މަސައްކަތް ކަމަށެވެ.
އެގޮތުން މަގުތަކުގެ މުޅި ލައިޓް ސިސްޓަމް ނިމޭ އިރު އާތަންތަނުގަ ހަރުކުރެވިގެންދާނީ ސޯލާ ލައިޓް ކަންވެސް ފައިޒަރު ފާހަގަކޮށްފައިވެއެވެ. ފައިޒަރު ވިދާޅުވީ، އަމާޒަކީ 2022 ވަނަ އަހަރު ފެށެންވާއިރަށް މުޅި ލައިޓް ސިސްޓަމް އެއްކޮށް ބަދަލުކުރެވިގެން ދިއުން ކަމަށެވެ.

