ތިނަދޫ ދެކުނު ދާއިރާގެ މެންބަރު، އަބްދުﷲ ސަނީފު އެދާއިރާގެ ސަރުކާރު ކެންޑިޑޭޓަށް ތާއީދު ކުރައްވައިފިއެވެ.
އަބްދުﷲ ސަނީފު، މިރޭ ތިނަދޫއަށް ވަޑައިގެން، އެރަށު ބަނދަރުމަތީގައި ރައްޔިތުންނާ މުހާތަބުކުރައްވައި، ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ތިނަދޫ ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ސަރުކާރުގެ މައިޕާޓީ ޕީއެންސީ އިން ވާދަކުރައްވާ ކެންޑިޑޭޓް އަބްދުﷲ ޝަރީފަށް ތާއީދު ކުރެއްވިކަން ހާމަކުރައްވައި ވިދާޅުވީ އެހެންކަމަށް ނުބަލައި ޝަރީފަށް ވޯޓުދެއްވުމަށް ގޮވައިލައްވާކަމަށެވެ. ސަނީފު ވިދާޅުވީ، ތިނަދޫގެ މުސްތަގުބަލަށްޓަކައި ޝަރީފަށް ވޯޓުދެއްވުމަށް އެމްޑީޕީ ދެކުނު ދާއިރާގެ މަޖިލިސް މެންބަރެއްގެ ހައިސިއްޔަތުން، އޭނާ އެމްޑީޕީ އާންމުމެންބަރުންނަށް ގޮވާލާ ކަމަށެވެ.
“އެހެންކަމަކަށް ނުބަލައި ޝަރީއަށް ވޯޓުދެއްވާށޭ، އެމްޑީޕީ ދެކުނު ދާއިރާގެ މަޖިލިސް މެންބަރެއްގެ ހައިސިއްޔަތުން އެމްޑީޕީ އާންމުމެންބަރުންނަށްޓަކައި އަޅުގަނޑު މި ގޮވައިލަނީ ތިނަދޫގެ މުސްތަގުބަލަށްޓަކައި، ތިނަދޫގެ މުސްތަގުބަލަށްޓަކައި ޝަރީއަށް ވޯޓުދެއްވާށޭ،” ސަރުކާރު ކެންޑިޑޭޓް، އަބްދުﷲ ޝަރީފަށް ތާއީދުކޮށް މިހާރުގެ މެންބަރު ސަނީފް ވިދާޅުވިއެވެ.
ސަނީފު ޕީއެންސީ ކެންޑިޑޭޓަށް ތާއީދުކުރެއްވިއިރު، އެމްޑީޕީ ޕްރައިމަރީގައި ވާދަކުރެއްވި ބޭފުޅާވެސް ވަނީ ޕީއެންސީ ކެންޑިޑޭޓަށް ތާއީދު ކުރައްވާފައެވެ.

