ސަރުކާރަށް މަޖިލިސް ނުލިބިއްޖެނަމަ އޭގެ ގެއްލުންވާނީ ރައްޔިތުންނަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ފުވައްމުލައް ސިޓީ ރައްޔިތުންނާއި ބައްދަލުކުރައްވާ މިރޭ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވަނީ މަޖިލިސް ނުލިބިއްޖެނަމަ ވެރިކަން ހިންގުގައި ކަން ހިނގާނެގޮތުަގެ މިސާލެއްވެސް ޖައްސަވާފައެވެ. އެގޮތުން ރައީސް ވިދާޅުވީ ރައްޔިތުންނަކީ ވާގަނޑު ކަމުގައިވާނަމަ މަޖިލިސް އެއްކޮޅުގަ ސަރުކާރު އެއްކޮޅުގަ އޮވެގެން ވާގަނޑުދަމާހެން ދެކޮޅަށް ދެމީމަ އޭގެ ގެެއްލުންވާނީ ރައްޔިތުން ކަމަށާއި، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ކަނޑައެޅުމަށް ވޯޓް ދިނުމުގައި ވިސްނުމަށެވެ.
ރައީސް ވިދާޅުވީ މަޖިލިސް އޮންނަންވާނީ ގާނޫނުއަސާސީގެ ބުނާ ގޮތަށް މަަސައްކަތްކުރާ މަޖިލީހެއްގެ ގޮތުގައި ކަމަށާއި، ސަރުކާރަށް އެއްބާރުލުންދޭ މަޖިލީހެއްގެ ގޮތުގައި ވެސް ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ތެރެއިން ކުރައްވާ މަސައްކަތްތަކުގައި އެހީތެރިކަން ދެއްވާ ޖަވާބުދާރީވެވޭނެ އުސޫލުގެ ތެރެއިން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
“ގާނޫނައި އޮތް ގޮތަކަށްނޫން އިދިކޮޅުން މަސައްކަތް ކުރަނީ. މަޖިލީސް އިދިކޮޅަށް ދީގެންނުވާނެ. އެކަން އެގޮތަށް ކުރެވިއްޖިއްޔާ އެކުރެވެނީ އަމިއްލަ އަތުން ވަރަށް ދެރަކަމެއް. ފުވައްމުލަކު ސިޓީގެ ރައްޔިތުންގެ ހައްގުގަ ވެފައިވާ ހުރިހާ ވައުދެއް އަޅުގަނޑު މިހިރީ ވަރަށް ވަރުގަދަ އަޒުމެއްގަ. އެކަމަކު އެކަންވާން އޮތީ ޕީއެންސީގެ ފުވައްަމުލައް ސިޓީން ކުރިމަތިލައްވާފައިތިބި ތިން ކެންޑިޑޭޓުން ހޮއްވަވައިގެން: ރައީސް
ރައީސް ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓުން ހޮއްވަވައިގެންވާނެ ވާނެ ފައިދާއެއް ނެތް ކަމަށާއި، އެބޭފުޅުން އިސްކުރައްވާނީ ގައުމުގެ މަސްލަހަތަށްވުރެ ޕާޓީގެ މަސްލަހަތު ކަމަށެވެ. ރައީސް ވިދާޅުވި ފާއިތުވި ދުވަސްތަކުގައި ފެނިގެންދިޔައީ ޕާޓީތަކުން ބޭނުންވާ ގޮތަށް މަސައްކަތް ކުރައްވަމުން ދިޔަގޮތް ކަމަށާއި، ގައުުމުގެ ސުލްހަމަސްލަހަތަށްވުރެ އަމިއްލަ މަސްލަހަތު އިސް ކުރެއްވިތަން ކަމަށެވެ.

