ސަރުކާރުން ހަދާފައިވާ ކ.ގުޅިފަޅާއި ގިރާވަރު ފަޅުގެ އައު ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް އެ ދެ ފަޅު ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ޓެކްނިކަލް ޕްރޮޕޯސަލް ތައްޔާރުކުރުމުގެ މަސައްކަތް (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
މިގޮތުން ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުން އަވަސް ކުރަން ޑްރެޖަރެއްވެސް ވަނީ ހަވާލު ކޮށްފައެވެ.
މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ކޮންސްޓްރެކްޝަން މިނިސްޓަރު އިބްރާހިމް ޠަޢާމް މުޙައްމަދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރު އަބްދުﷲ ޒިޔާދުއެވެ. އެ އެއްބަސްވުމުގެ ދަށުން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫއުގެ ޓެކްނިކަލް ޕްރޮޕޯސަލް ތައްޔާރުކުރުމާއި މަޝްރޫއުއަށް ބޭނުންވާ ފައިނޭންސިން ހަމަޖެއްސުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށްވެސް ބުނެއެވެ.
މި މަސައްކަތް އެމްޓީސީސިއާއި ހަވާލުކޮށްފައިވަނީ 150 ދުވަސް ތެރޭގައި ނިންމާގޮތަށެވެ.
ނިމިދިޔަ ސަރުކާރުން ގުޅިފަޅުން ހިއްކަން ނިންމާފައި އޮތީ 150 ހެކްޓަރުގެ ބިމެވެ. އަދި ގިރާވަރު ފަޅުން ހިއްކަން ނިންމާފައި އޮތީ 160 ހެކްޓަރެވެ. ގުޅިފަޅު އަދި ގިރާވަރު ފަޅުން ހިއްކެން އޮތް އެންމެ ބޮޑު މިންވަރަކަށް ހިއްކުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.
ސަރުކާރުން މިހާރު ވަނީ މި ދެ ރަށުގެ ލޭންޑް ޔޫސް ޕްލޭންވެސް އެކުލަވާލާފައެވެ. ލޭންޑް ޔޫސް ޕްލޭންގެ އެކުލަވާލުމާއެކު ގިރާވަރުފަޅުން ދޫކުރަން ނިންމާފައިވާ 5432 ގޯތީގެ ތެރެއިން، 1347 ގޯތި ގުޅުފަޅަށް ބަދަލުކުރެއްވުމަށްވެސް ވަނީ ނިންމާފައެވެ.

