މ. މަޑުއްވަރީ ދޯންޏަކުން މަހަށްދިޔަ 2 މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ މިއަދު ހަވީރު މ. މަޑުއްވަރިން ދޯންޏެއްގައި މަހަށް ދިޔަ ދެ މީހަކު ހަބަރެއްނުވެ ވީނުވީއެއް ނޭނގި ގެއްލިފައިވާކަމުގެ މަޢުލޫމާތު މިރޭ ލިބިފައިވާ ކަމަށާއި، އެމައުލޫމާތު ލިބިފައިވަނީ 22:06 އެހާކަންހާއިރު ކަމަށެވެ.
މިހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއެކު މ. އަތޮޅު ފުލުހުންގެ ލޯންޗު ދަނީ އެމީހުން ދަތުރުކުރި ދޯންނާއި މީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ. އަދި މިކަމުގެ މަޢުލޫމާތު އެމް.އެން.ޑީ.އެފް އާ ވަނީ ހިއްސާކުރެވިފައި ކަމަށްވެސް ބުނެފައި ވެއެވެ.
ފުލުހުން ބުނީ މި ދޯނީގައި މަހަށް ގޮސްފައިވަނީ ދިވެހި ދެ ފިރިހެނުން ކަމަށެވެ.
މި ދޯންޏާއި އެ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ އެމަރޖެންސީ ނަންބަރު 119 އަށް ނުވަތަ ކޯސްޓްގާރޑަށް ގުޅުއްވައި އެމަޢުލޫމާތެއް ހިއްސާކުރެއްވުން އެދޭ ކަމަށްވެސް ބުނެފައި ވެއެވެ.

