އެމްޑީޕީގެ މެނިފެސްޓޯގައި ހުރި ކަންކަންނުކުރެވި ވެރިކަން ނިމިގެން ދިޔައިރުވެސް އެ މެނިފެސްޓޯ އޮތީ އޮތްތާނގައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މާދަމާ އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ގުޅުވައިގެން ރޭ ޑިމޮކްރޭޓުންނާއި ބައްދަލުކޮށް ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ނަޝިދު ވިދާޅުވީ އެމްޑީޕީއަށް ވޯޓް ދޭންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
އެމްޑީޕީގެ ވެރިކަމަކީ ރައްޔިތުންނާއި ގުޅުންހުރި ހާއްސަ މެނިފެސްޓޯއެއް ހިފައިގެންއައި ވެރިކަމެއް ކަމަށާއި، ނަމަވެސް އެކަން ދައުރު ނިމުނު އިރުވެސް އޮތީ ނުވެފައިކަމަށެވެ. ބޯހިޔާވަހިކަމަށްވެސް ހައްލެއް ނުގެނެވުނު ކަމަށާއި، ދަތުރުފަތުރަށްވެސް މާބޮޑު ބަދަލެއް އައިސްފައި ނުވާ ކަމަށެވެ. އަދި ޓެކްސް ނެގުންފަދަ މުހިންމު ބަދަލުތަކެއް ގެންނަން ވިސްނި ނަމަވެސް އެކަންވެސް ކުރެވިފައި ނުވާ ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީ ސަރުކާރަށް ފާޑުވިދާޅުވެ ރައީސް ނަޝީދު ފާހަގަކުރެއްވީ ގާދޫ ކޮލާއި، ކާށިދޫ ކަނޑުން އެ ސަރުކާރުން ދިޔައީ ގޯތި ކަނޑަމުން ކަމަށެވެ. އަދި ނަރުދަމާ ވިއުގަމަތިންވެސް އެ ސަރުކާރުން ވަނީ ގޯތި ކަނޑާދީފައި ކަމަށެވެ.
މީގެ އިތުރުން ރައީސް ފާހަގަ ކުރެއްވީ އެ ސަރުކާރުގެ އަމަލުތައްހުރި ގޮތުން ރާއްޖެވަނީ ދަރާފައި ކަމަށާއި، ދަޢުލަތަށް ލިބޭ އާމްދަނީގެ 20 އިންސައްތައަކީ ދަރަނި ދެއްކުމަށް ކުރަންޖެހޭ ހޭދަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

