ސަރުކާރު ކެންޑިޑޭޓުން ހިމެނޭ ރައްޔިތުންގެ މަޖިލީހަކުން ރައްޔިތުން އެދޭ ހުރިހާ ކަމަކުން ނަތީޖާ ނެރެދޭނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުއިއްޒު މިފަދައިން ވިދާޅުވީ، މިއަދު ހަވީރު ސަރުކާރު ކޯލިޝަނުން ބޭއްވި "ދިވެހީންގެ" ހިނގާލުން ނިންމާލި ހަަރަކާތަށް ފަހު ސަޕޯޓަރުންނާއި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ދިވެހިންގެ ރާއްޖެ މަޖިލީހަށް ދާން ޖެހޭ ސަބަބުތައް އިންތިހާބުގެ ކެމްޕެއިން ތެރޭގައި ތަކުރާރުކޮށް ފާޅުކޮށްފައިވާނެކަން ފާހަގަ ކުރައްވައި ވިދާޅުވީ އެމަނިކުފާނު މިސަރުކާރުގެ ކެންޑިޑޭޓުން ހޮއްވަވައިދެއްވުމަށް ތަކުރާރުކޮށް އިލްތިމާސްކޮށް އެދިވަޑައިގަންނަވާ ސަބަބަކީ ދިވެހިރައްޔިތުންނަށް ދިމާވެފައިވާ ދަތިއުނދަގޫކަންކަމުން ގައުމު ސަލާމަތްކޮށް އިގްތިސާދީ ގޮތުންނާއި ބޯހިޔާވަހިކަމުގެ ގޮތުންނާއި އަދިވެސް އެހެނިހެން ހުރިހާ ކަމަކުން ގައުމަށް ތަރައްގީ ގެނައުމަށް މަޖިލިސް އަދާ ކުރާ ދައުރު ނުހަނު ބޮޑުކަމަށްވާތީ، އެކަންކަމަށްޓަކައި މިސަރުކާރުން ކުރިއަށް ގެންދަން ބޭނުންވެ، ރޭވިފައިވާ މަޝްރޫއުތަކަށް ތާއީދުކޮށް އެއްބާރުލުން ދޭނެ މެންބަރުންތަކެއް މަޖިލިހުގައި ތިބުން ނުހަނު މުހިންމުކަމަށް ވާތީ ކަަމަށެވެ.
ރައީސް ތަކުރާރުކޮށް ވިދާޅުވީ މި ސަރުކާރުގެ ކެންޑިޑޭޓުން ހޮއްވަވައިދެއްވުމަށާއި މިސަރުކާރުގެ ކެންޑިޑޭޓުން ހިމެނޭ މަޖިލިހަކުން ރައްޔިތުން އެދޭ ހުރިހާ ކަމަކުން، ހުރިހާ ކަމަކުން ނަތީޖާ ނެރެދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވާ ކަމަށެވެ.
ރައީސް ވިދާޅުވީ މިގައުމުގެ ދަރިންނަށްޓަކައި ދަރިންގެ ދަރިންނަށްޓަކައި އަދި މިގައުމުގެ މުސްތަގުބަލަށްޓަކައި ހެޔޮ ގޮތް ނިންމުމަށްޓަކައި މާދަމާ ބާއްވާ މަޖިލިސް އިންތިހާބުގައި ލާ ވޯޓުގައި އިހުތިޔާރު ކުރާ ގޮތަކީ ވަރަށް ޒިންމާދާރު ކަމާއި އެކީގައި، ނުހަނު މުހިންމު ނިންމުމަކަށް ހަދަން ޖެހޭ ކަމަށެވެ. އެހެންކަމުން މި ސަރުކާރުގެ ކޯލިޝަންގެ ކެންޑިޑޭޓުން ހޮއްވަވާ ދެއްވުމަށް ތަކުރާރުކޮށް އެދެމުންދާކަމަށް ރަައީސް ވިދާޅުވިއެވެ.

ހަވީރު ސަރުކާރު ކޯލިޝަނުން ބޭއްވި "ދިވެހީންގެ" ހިނގާލުން….ފޮޓޯ: ވޮއިސް
"އަޅުގަނޑުމެންގެ ކަންކަން އަޅުގަނޑުމެންނަށްޓަކައި، އަޅުގަނޑުމެންގެ ދަރިންނަށްޓަކައި، އަޅުގަނޑުމެންގެ ދަރިންގެ ދަރިންނަށްޓަކައި ހެޔޮ ގޮތުގައި ނިންމުމަށްޓަކައި ވަރަށް ޒިންމާދާރު ކަމާއި އެކީގައި ގައުމު ދެކެ ލޯބިވާ ދިވެހި ލޮބުވެތި ރައްޔިތުން ގައުމުގެ މުސްތަގުބަލަށްޓަކައި މުހިންމު ނިންމުމަކަށް ހަދަން ޖެހޭނެ،". ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގައުމުގެ މިސްރާބު މުޅިން ނުބައިކޮށް ދަނިކޮށް މިނިވަން ކަން އޮޔާލާ ގޮސްފައި ވަނިކޮށް އިގްތިސޯދު ފުނޑި ހަލާކުވެގެން ގޮސްފައި ވަަނިކޮށް، ގައުމު ދެކެ ލޯބިވާ ދިވެހި ރައްޔިތުން އެ ގޮތް ކަމަކު ނުދާކަމަށް ބުނެ. ދިވެހިންގެ ރާއްޖެ އަލުން ހޯދަން ޖެހޭ ކަމަށް ނިންމައި ދިވެހިންގެ އަތްމައްޗަށް ދިވެހި ގައުމުގެ ކަންކަން ބައްޓަން ކުރުމުގެ ބާރާއި އިއްޒަތާއި ޝަރަފު އަނބުރާ ހޯދަން ޖެހޭ ކަމަށް ނިންމަވާފައިޥާކަމަށެވެ. އެހެންނަމަވެސް މި މަސައްކަތް ކާމިޔާބު ކުރުމުގައި އަދި އެއް މަރުހަލާ ކަޑައްތު ކުރަން ޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ސަބަބަކީ ރާއްޖޭގެ ގާނޫނު އަސާސީ ބައްޓަން ކުރެވިފައި އޮތް ގޮތުން، ރައްޔިތުން މަޖިލީހަކީ ގައުމުގެ ކަންކަން ބައްޓަން ކުރުމުގައި ވަރަށް މުހިންމު، އަދި އެތަނަކާ ނުލާ ކަންކަން ނުނިންމޭ ތަނެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން ދިވެހިންގެ ރާއްޖޭގެ މި މާތް މަގްސަދު ހާސިލް ކުރުމަށްޓަކައި، މާދަމާ ރާއްޖޭގެ އެކި ކަަންކޮޅުތަކުގައި ނެގޭ ވޯޓަކީ ވަރަށް މުހިންމު ވޯޓެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ގައުމުގައި އިސްލާމްދީނުގެ ނޫރު ގުގުމާލަން އެމަނިކުުފާނު ބޭނުންވެވަޑައިގަންނަވާ ކަމަށާއި އެކަމަށްޓަކައި މާދަމާގެ ވޯޓަކީ މިކަމުގެ ފޮނި މީރުކަން އިހުސާސްކުރެވޭ ވޯޓަކަށް ވެގެންދާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

