ނ. މަނަދޫ އަދި ރ. އަލިފުށީގެ އިތުރުން މ. މުލީގައި ހޮސްޕިޓަލް އެޅުމަށް އެމްޓީސީސީއާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ 20 އޭޕްރީލްގައެވެ. މަނަދޫގައި އަޅަން ނިންމާފައިވަނީ 50 އެނދުގެ ހޮސްޕިޓަލެކެވެ. އަދި އަލިފުށީގައި 30 އެނދުގެ ހޮސްޕިޓަލެވެ. މި މަޝްރޫއު ހަވާލުކުރުމަށް ބޭއްްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެގްޒެކްޓިވް އޮފިސާރ އަބްދުﷲ ޒިޔާދެވެ. އަދި ހެލްތު މިނިސްޓރްީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ ހަދީޖާ އަބްދުއްސަމަދު އަބްދުއްﷲ އާއި، އަހުމަދު ގާސިމް އާއި، އަދި އިސްމާއިލް އަބްދުﷲ އެވެ.
އެމްޓީސީސީން ބުނީ މ. މުއްޔާއި ނ. މަނަދޫއާއި، ރ. އަލިފުށީގައި ހުރި ހޮސްޕިޓަލް އިމާރާތްވެސް ވަނީ ވަރަށް ބޮޑަށް މާރާމާތުކޮށް ޒަމާނީ ވަސީލަތްތަތަކަށް ބޭނުންވެފައި ކަމަށާއި، މި ވެވުނު އެއްބަސްވުމާއިއެކު ވަސީލަތްތައް އިތުރަށްލިބި ހިދުމަތްތައް އިތުރަށް ފުޅާކުރެވި އިތުރު އާ ހޮސްޕިޓަލްތަކެއްް މިތިން ރަށަށް ލިބިގެންދާނެ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން މ. މުލީގައި 33250 އަކަފޫޓް ސަރަހައްދެއްގައި 4 ފަންގިފިލާގެ 50 އެނދުގެ ހޮސްޕިޓަލެއް ގާއިމްކުރެވިގެންދާނެ ކަމަށާއި، މިއީ 190.02 މިލިއަން ރުފިޔާއަށް 720 ދުވަސް ތެރޭ ނިންމާލެވޭވަރަށް ތައްޔާރުކުރެވޭ އިމާރާތެއްް ކަމަށްވެސް ބުނެއެވެ. ނ. މަނަދޫ ގައި ގާއިމްކުރެވޭ ހޮސްޕިޓަލުގެ އަކަފޫޓަކީ 33250 ކަމަށާއި، އެ އިމާރާތްވެސް 4 ފަނގިފިލާއަކަށް ބަހާލެވިގެން 50 އެނދު ގާއިމް ކުރެވިގެން ދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
މިއީވެސް 190.02 މިލިއަން ރުފިޔާއަށް 720 ދުވަސް ތެރޭ ނިންމާލެވޭވަރަށް ތައްޔާރުކުރެވޭ އިމާރާތެކެވެ.
ރ. އަލިފުށީގައި ގާއިމް ކުރާ ހޮސްޕިޓަލަކީ 21،542 އަކަފޫޓް ސަރަހައްދެއްގައި ދެ ފަންގިފިލާގެ 30 އެނދުގެ ހޮސްޕިޓަލަކާއިއެކު 1482 އަކަފޫޓްސަރަހަދެއްގައި 1 ފަނގިފިލާގެ ސާވިސް ބްލޮކެއް ގާއިމް ކުރެވޭނެ ހޮސްޕިޓަލެކެވެ. އެ މަޝްރޫއަކީ 128.65 މިލިއަން ރުފިޔާއަށް 730 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލު ކޮށްފައިވާ މަޝްރޫއެއް ކަމަށްވެސް ވަނީ ބުނެފައެވެ.

