މިއަދު ކުރިއަށްދާ ވިހި ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބާއި ދިމާކޮށް ރާއްޖޭގެ ހުރިހާ ޖަލުތަކެއްއެލަރޓް ހާލަތަށް ގެނެސްފި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އިއްޔެ ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ޖަލުތަކުގައި ވޯޓްލުން ކުރިއަށް ގެންދިއުމުގެ ގޮތުން އޮޕަރޭޝަން އަންލޮކް ފަށާ، ހުރިހާ ޖަލުތަކެއް އެލަރޓް ހާލަތަށް ވަނީ ގެނެވިފައި ކަމަށެވެ.
މީގެ އިތުރުން އޮޕަރޭޝަން ބްރީފިންގ ހުރިހާ އޮފިސަރުންނަށް ވެސް ދީފައިވާ ކަމަށްވެސް ކަރެކްޝަންސްއިން ވަނީ ބުނެފައެވެ.
ރައްޔިތުންގެ މަޖިލިހުގެ ވޯޓުލުން ފަށައިގެން ކުރިއަށްދާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އަދި އަނބިކަނބަލުން ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ވެސް ވަނީ މިހާތަނަށް ވޯޓުލައިވައިފައެވެ.
މިއަދުގެ ވޯޓްލުން ކުރިޔަށްދާނީ ހަވީރު 5:30 ގެ ނިޔަލަށެވެ.
20 ވަނަ މަޖިލީސް އިންތިޚާބުގައި މަޖިލީހުގެ ޖުމުލަ 93 ދާއިރާއަކަށް މެންބަރުން ހޮވާނެއެވެ. އެ އިންތިޚާބުގައި ޖުމުލަ 368 ކެންޑިޑޭޓުން ވާދަކުރާއިރު، ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ އިދިކޮޅު އެމްޑީޕީންނެވެ. ދެވަނައަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންނެވެ.
އިންތިޚާބުގައި ވޯޓުލުމަށް 602 ވޯޓުފޮށި ބަހައްޓާފައިވެއެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުގައި 241 ވޯޓުފޮށި ބަހައްޓާފައިވެއެވެ. ސީދާ މާލޭގައި 181 ވޯޓުފޮށި ބަހައްޓާފައިވާއިރު ހުޅުމާލޭގައި 51 ވޯޓުފޮށި ބަހައްޓާފައިވެއެވެ.

