ހުޅުމާލޭގެ ގެއެއްގައި ރޯވި އަލިފާނު ނިއްވާލައިފި ކަމަށާއި އެއްވެސް މީހަކަށް މިި ހާދިސާގައި އަނިޔާ ނުވާ ކަމަށް އެމްއެންޑީއެފް އިން ހާމަކޮށްފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ އަލިފާނުގެ އެ ހާދިސާ ހިނގީ ހުޅުމާލެ ފޭސް 1 ގެ “ލޮޓް 11071” އިމާރާތުގައި ހުރި އޭސީގައި ރޯވެގެން ކަމަށެވެ. އަދި އެ ގޭގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔާ ފައިޓަރުން ހަރަކާތްތެރިވެ މިހާރު ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މި ހާދިސާގެ މަޢުލޫމާތު މިއަދު 12:25 ހާއިރު ލިބުމާއެކު، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔާ ފައިޓަރުން ވަގުތުން ހަރަކާތްތެރިވެފައިވާ ކަމަށާއި ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް ރޯވި އަލިފާން ނިއްވުމަށް ކުރި މަސައްކަތުން މިއަދު 12:36 ހާއިރު ވަނީ އަލިފާން ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
މި ހާދިސާގައި އޭސީގެ އައުޓްޑޯރއަށް ގެއްލުން ވެފައިވީ ނަމަވެސް އިމާރާތުގެ އިތުރު ތަނަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށާއި އަދި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ.

