މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތްނަމަވެސް، ރައްޔިތުންގެ މެދުގައި ސުލްހަ މަސަލަސްކަން ޤާއިމްވެފައި އޮންނަންޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާދު ހުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
މަޖިލިސް އިންތިހާބުގައި ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނާ ދެއްކެވި ވާހަކަފުޅުގައި ނައިބު ރައީސް ހުސައިން ލަތީފް ވިދާޅުވީ މިއީ ދިވެހި ރައްޔިތުން ވަރަށް ބޮޑު ނިންމުމެއް ނިންމުމަށް ލިބޭ ފުރުސަތެއްކަމަށެވެ.
މީގެކުރިން ބޭއްވި އެހެން އިންތިހާބުތަކަށް ބަލާލާއިރުވެސް ފެނިގެންދަނީ ދިވެހި ރައްޔިތުންނަށް ލިބިދޭ ފަރުދީ ޒިންމާ ވަރަށް ރަނގަޅަށް އަދާކުރާ މަންޒަރުކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އެގޮތުން މިފަހަރުވެސް އެކަން އެގޮތަށް ކުރައްވާނެކަން ވަރަށް ބޮޑަށް ޔަޤީންކުރައްވާކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.
“އިންތިހާބު ކޮންމެ ގޮތަކަށް ނިމިގެން ދިޔަސް ރައްޔިތުންގެ ތެރޭގައި ސުލްހަ މަސަލަސްކަން އޮތުން އެއީ ކޮންމެ ރައްޔިތަކުވެސް އެދޭނެ ގޮތް. އެގޮތުގެ މަތިން ޤައުމުގެ މަސްލަހަތު އިސްކުރުން އެއީ އަޅުގަނޑުގެ އެދުމަކީ ހުރިހައި ރައްޔިތުންގެ އަރިހުން. އަދި ސިޔާސީ ޕާޓީތަކަށްވެސް ދޭންބޭނުންވާ މެސެޖަކީ އެއީ.” ނައިބު ރައީސް ވިދާޅުވިއެވެ.
ނޫސްވެރިންނާ ވާހަކަފުޅު ދަައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ނަތީޖާ ފެންނަނީ ވަރަށް ފަހިކޮށް ކަމަށާއި، މި އިންތިހާބަކީ ދިވެހި ރައްޔިތުންގެ ވަރަށް ބޮޑު ނިންމުމެއް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ އެއްކޮޅަށް ދިވެހި ރައްޔިތުން ނިންމާނެ އިންތިހާބެއް ކަމަށެވެ.
“މާތްﷲ ތަނަވަސް ރަހުމަތުން އިރާދަކުރެއްވިއްޔާ މި އިންތިހާބަކީ ދިވެހި ރައްޔިތުންގެ ވަރަށް ބޮޑު ނިންމުމެއް ރައީސް ޑރ. މުއިއްޒުގެ ސަރުކާރާ އެއްކޮޅަށް ނިންމާނެ ކަމުގެ ޔަގީންކަން އެބަ އޮތް،” އޭނާ ވިދާޅުވިއެވެ.
އަދިވެސް އިތުރަށް އެމަނިކުފާނު ވަނީ އިންތިހާބުން ބަލިވިޔަސް، މޮޅުވިޔަސް ދިވެހި ރައްޔިތުންގެ މެދުގައި ސުލްހަ މަސަލަސްކަން ޤާއިމްވެފައި އޮތުމަކީ އެމަނިކުފާނުގެ އެދިވަޑައިގަތުންކަމަށް ވިދާޅުވެފައެވެ.
“އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ދިވެހި ރައްޔިތުން ކޮންމެ ފަހަރަކުވެސް ގާނޫނީ ޒިންމާ ވަރަށް ފުރިހަމަކޮށް މަޖިލިސް އިންތިހާބުގައި ފުރުއްވަމުން ގެންދަނީ. އެހެންވީމަ މިފަހަރުވެސް އެކަން އެގޮތަށް ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް.” ނައިބު ރައީސް ވިދާޅުވިއެވެ.
މިއަދު މުޅި ރާއްޖޭގައި ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރެއެވެ. އަދި އިންތިހާބުގައި ވޯޓްލުމަށް 603 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.

