ދިވެހި އަސްކަރިއްޔާއިން އަހަރަކު ދެފަހަރު ނެރެމުން އަންނަ "އައްޑަނަ މަޖައްލާ" ގެ 35 ވަނަ ޢަދަދު ނެރެފިއެވެ.
މިއަދު ހެނދުނު ކަޅުތުއްކަލާކޮށީގައި ބޭއްވި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ފަޚުރުވެރި 132 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ދިދައަށް އިޙްތިރާމު ކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި "އައްޑަނަ މަޖައްލާ" ގެ 35 ވަނަ ޢަދަދު ނެރެދެއްވީ ޢިއްޒަތްތެރި ދިފާޢީ ވަޒީރު، ޣައްސާން މައުމޫންއެވެ.
އައްޑަނަ މަޖައްލާގެ މިފަހަރުގެ އަދަދުގެ ކަވަރ ސްޓޯރީ ބިނާކޮށްފައި ވަނީ "ދިވެހި ސިފައިންނާއި ދިވެހި ޤައުމިއްޔަތު" މި މައުޟޫއުގެ މައްޗަށެވެ. މިފަހަރުގެ މަޖައްލާގައި ޤައުމީ، އިޖްތިމާޢީ، ދީނީ، ސިއްޙީ، ތާރީޚާއި، ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ރާއްޖޭގެ ފުންނާބު އުސް ލިޔުންތެރިންނާއި ސިފައިންގެ ލިޔުންތެރިން ލިޔުއްވާފައިވާ ޢިލްމީ ލިޔުންތަކާއި ދިރާސާތައް ހިމެނިފައިވެއެވެ.
މި ރަސްމިއްޔާތުގައި ސިފައިންގެ 132 ވަނަ އަހަރު ބޭނުންކުރުމަށް ކަނޑައަޅާފައިވާ ޝިއާރުކަމުގައިވާ، "ޤައުމުގެ މިނިވަންކަން – ސިފައިންގެ ސާބިތުކަން" މި ޝިއާރު، ޑިފެންސް މިނިސްޓަރު ހާމަ ކޮށްދެއްވާފައިވެއެވެ.
މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީއާއި، ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، އޮފިސަރުންނާއި، ވޮރަންޓް އޮފިސަރުންގެ އިތުރުން އެންލިސްޓެޑް ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވިއެވެ.
އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި މި ރަސްމިއްޔާތު ނިމިގެން ދިޔައީ ހާއްސަ ދުއާ އަކާއި ސިފައިންގެ ލަވައިންނެވެ. ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ދިދައަށް އިހްތިރާމު ކުރުމުގެ ގޮތުން ސިފައިންގެ އޭރިއާ ކޮމާންޑްތަކުގައި ޤާއިމްކޮށްފައިވާ ހުރިހާ މަރުކަޒެއްގައި ވެސް މިއަދު ހެނދުނު މި ރަސްމިއްޔާތު ކުރިއަށްގެންގޮސްފައިވެއެވެ.
ދިވެހިރާއްޖޭގައި ސިފައިންގެ ޚިދުމަތް ފެށިފައިވަނީ 1892 އެޕްރީލް 21 ވަނަ ދުވަހުއެވެ. އަދި ސިފައިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް އެޕްރީލް މަހުގެ 21 ވަނަ ދުވަހެވެ.

