އއ. އަތޮޅުގެ ބޮޑު ފަޅަކުން އެ އަތޮޅުގެ ތޮއްޑޫއާއި ރަސްދޫގެ އިހުތިސާސުގެ ތެރެއަށް ބިން ހަމަޖައްސައިދީފިއެވެ.
ތޮއްޑޫއާއި ރަސްދޫގެ އިހުތިސާސްގެ ތެރެއަށް ބިން ހަމަޖައްސައިދިނީ ރަސްދޫގެ އުތުރުން އޮންނަ ކޯޑު ނަންބަރު RF2296 ފަޅުންނެވެ. އެފަޅުން ކޮންމެ ރަށަކަށް 200 ހެކްޓަރު ހަޖައްސާފައިވެއެވެ.
ސަރުކާރުގެ ގެޒެޓްގައި ވަކިވަކިން ޝާއިއުކުރި ގަރާރުގައި ވަނީ ލާމަރުކަޒީ ގާނޫނުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ތޮއްޑު އާއި ރަސްދޫގެ އިހުތިސާސްގައި 200 ހެކްޓަރުގެ ފަޅެއް ހިމަނަން ކަނޑައަޅާފައިވާ ކަމަށެވެ.
އެ ފަޅަކީ ރަސްދޫގެ އުތުރުން އޮންނަ ވަރަށް ބޮޑު ފަޅެކެވެ. އެ ފަޅުން ތޮއްޑު އާއި ރަސްދު އަށް، ކޮންމެ ރަށަކަށް ވަނީ 200 ހެކްޓަރުގެ ސަރަހައްދެއް ދިނުމަށް ރައީސްގެ ގަރާރުގައި ކަނޑައަޅާފައިވެއެވެ.
ރައީސް ޑރ މުއިއްޒު ވެރިކަމާާ ހަވާލުވެވަޑައިގެންވަނީ އެރަށެއްގެ އިހުތިސާސުގެ ތެރޭގައި ފަޅުރަށެއް ނުވަތަ ފަޅެއް ނެތް ރަށްރަށުގެ އިހުތިސާސްގެ ތެރެއަށް ފަޅުރަށް އިތުރުކުރުމަށް އެދެވޭނެ އުސޫލެއް އެކަށައަޅުއްވާފައެވެ. އެ އުސޫލުގެ ތެރެއިން ރަށް ހިމެނޭ އަތޮޅުން ރަށެއް ލިބެން ނެތްނަމަ އެހެން އަތޮޅަކުން ރަށެއް ހަމަޖެއްސުމަށް އެދުމުގެ ފުރުސަތުވެސް ލިބެއެވެ.
މިފަދައިން ދޫކުރެވޭ ރަށްތަކުގައި އިގުތިސާދީ ހަރަކާތްތައް ހިންގުމަށް އެ އުސޫލުން ގިނަ ފުރުސަތުތައް ދީފައިވެއެވެ. ކުރިން ރަށްތަކުގައި ހިންގޭ ހަރަކާތްތަކަށްވުރެ ގިނަ ހަރަކާތްތައް ހިންގުމަށް އެ އުސޫލު ހުއްދަކުރެއެވެ.

