އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މޯލްޑިވިއަނުން ސްރީލަންކާގެ، ވެރިރަށް ކޮލަމްބޯއަށް ދަތުރުތައް ފަށަށް ތައްޔާރުވެއްޖެއެވެ.
ގައުމީ އެއަރލައިން، މޯލްޑިވިއަނުން ކޮލަމްބޯއަށް ކުރާ ދަތުރުތަކުގެ ޓިކެޓު އަގު 165 ޑޮލަރަށް ފެށޭ އިރު ބެގެޖް އެލަވަންސްގެ ގޮތުގައި ޕަސެންޖަރުންނަށް 30 ކިލޯ ލިބިގެންދެއެވެ.
މޯލްޑިވިއަނުން ކޮލަމްބޯއަށް ކުރާ ދަތުރުތައް އޮންނާނީ ކޮންމެ ހޮނިހިރު އަދި ބުރާސްފަތި ދުވަހުގައެވެ. މިގޮތަށް ބުރާސްފަތި އަދި ހޮނިހިރުގައި ދަތުރުތައް ބޭއްވުމުގެ ބޭނުމަކީ ބުރާސްފަތި ދުވަހު އޮފީސް ނިންމާލައި ކޮލްމްބޯއަށް ދިއުމަށްފަހު ހޮނިހިރު ދުވަހު އަނބުރާ ރާއްޖެއަށް އާދެވޭ ގޮތަށް ހަދައި، ހަފުތާ ބަންދަށް ސްރީ ލަންކާއަށް ދެވޭނެ ގޮތް ހަމަޖައްސައިދިނުން ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.
މާލެއިން، ކޮލަމްބޯއަށް ދަތުރުކުރާ ފުލައިޓް އޮންނާނީ ރޭގަނޑު 7:35 ގައެވެ. އަދި ކޮލަމްބޯއިން މާލެއަށް ފުލައިޓް ހަމަޖައްސާފައިވަނީ ރޭގަނޑު 10:35 ގައެވެ. މި ދަތުރުތަކުގައި، މަތިންދާބޯޓުގައި ކާތަކެތީގެ އިންތިޒާމު ހަމަޖެހިފަައިވާ ކަމަށާއި ފަސިންޖަރުންނަށް ކާތަކެތި ފޯރުކޮށްދޭނެ ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.
މޯލްޑިވިއަނުން ދަތުރު ކުރާ ފަސިންޖަރުންނަށް ނަވަލޯކާ ހޮސްޕިޓަލުން ލިބެން ހުންނާނެ ހިދުމަތްތަކުގެ ތެރޭގައި،
- މެޑިކަލް ކޮންސަލްޓޭޝަން،
- މެޑިކަލް ހިސްޓްރީ އެވެލުއޭޝަން،
- ބޮޑީމާސް އިންޑެކްސް ޓެސްޓު އަދި
- ވިޝަން ޓެސްޓު ހެދެން
- ކްލިނިކަލް ޑައިޓިޝަނަކާ ކޮންސަލްޓު ކުރުމުގެ ފުރުސަތު
- ޑެންޓަލް ޗެކަޕާއި ލެބޯޓަރީ ޓެސްޓުތަކުން 15 ޕަސަންޓް ޑިސްކައުންޓް ލިބެން ހުންނާނެ
މީގެ އިތުރުންވެސް ހެލްތު ސްކްރީނިން ޕެކޭޖުތަކުން ހާއްސަ ޑިސްކައުންޓެއް ލިބޭނެކަމަށާއި އެކްސް ރޭ ނެގުމަށް ފަސް ޕަސެންޓް ޑިސްކައުންޓް ލިބިގެންދާނެ ކަމަށް ވެސް މޯލްޑިވިއަނުން ބުނެފައިވެއެވެ.
ކޮލަމްބޯއަށް ދަތުރުކުރާ އެހެން ފުލައިޓުތަކުން ބެގޭޖް އެލެވަންސްގެ އިތުރުކުރުމަށް ޗާޖެއް ނަގައެވެ. އެހެންނަމަވެސް މޯލްޑިވިއަނުން ފޯރުކޮށްދޭ 30 ކިލޯގެ ބެގޭޖް އެލަވަންސަށް އެއްވެސް އިތުރު ޗާޖެއް ނުނަގާނެއެވެ.
ކޮލަމްބޯއަށް ދަތުރުކުރާ ބަޖެޓް އެހެން އެއާލައިންތަކާ ހިލާފަށް މޯލްޑިވިއަންގެ އަމާޒަކީ ފަސިންޖަރަށް ރަނގަޅު ކާނާ ފޯރުކޮށްދީ ދަތުރުގެ ތަޖުރިބާ ރަނގަޅުކޮށްދިނުން ކަމަށް އެ އެއާލައިނުން ވަނީ ހާމަކޮށްފައެވެ.
މި ދަތުރުތަކުގައި، އުމުރުން ދުވަސްވީ ޕަސެންޖަރުންނަށް ހާއްސަކޮށްގެން އިނގިރޭސި އަދި ދިވެހި ބަހުން ވާހަކަ ދައްކަން އެނގޭ މުވައްޒަފުން އެސިސްޓެންޓުންގެ ގޮތުގައި ތިބޭނެއެވެ.

