މުސްލިމު ވޯލްޑް ލީގުގެ ސްޕްރީމް ކައުންސިލްގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސަޢޫދީ ޢަރަބިއްޔާއަށް ފުރާވަޑައިގެންފި އެވެ.
މި އޭޕްރީލް މަހުގެ 23 އިން 24 އަށް ބާއްވާ މިޖަލްސާ އޮތީ ސައުދީގެ ވެރިރަށް ރިޔާޟް ގައެވެ.
ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ރާބިޠާގެ އެންމެ މަތީ މަޖްލީހުގެ މެންބަރަކަށް އައްޔަނު ކުރައްވަފައިވަނީ މީގެ ދެހަފުތާ ކުރިންނެވެ. އެމަޖިލީހަށް ޑރ ޝަހީމް ޢައްޔަންކުރެއްވީ ރާބިޠާގެ ސެކްރެޓަރީ ޖެނެރަލް ޑރ މުޙައްމަދު ބިން ޢަބްދުލްކަރީމުލްޢީސާ އެވެ.

މިއީ، އެމަގާމަށް އައްޔަނުކުރެވުނު ފަހުން ޑރ. ޝަހީމް ކައުންސިލްގެ ޖަލްސާގެ ބައްދަލުވުމެއްގައި ބައިވެރި ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
ބައިނަލްއަގުވާމީ ޖަމިއްޔާތަކަށް ޑރ. ޝަހީމް ޚިދުމަތްކުރައްވާފައިވާ ގޮތަށް ބަލާއިރު، މީގެ ކުރިން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުކަމާއި، އެޖަމްއިއްޔާގެ ވޮއިސް އޮފް ވިސްޑަމް ސެންޓަރުގެ އިންޗާޖުކަން ހިމެނެއެވެ.
ރާބިޠާގެ އެންމެ މަތީ މަޖްލީހަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ އިލްމީ ޝަހުސިއްޔަތުތައް ހިމެނޭހެން އެކުލެވިގެންވާ ރާބިތަތުލް އާލަމިލް އިސްލާމީގެ އެންމެ މަތީ މަޖިލީހެވެ. ރާބިޠާއަކީ އިސްލާމީ ދުނިޔޭގެ އެންމެ ބޮޑު އިސްލާމީ ބައިނަލްއަޤުވާމީ ޖަމިއްޔާ އެވެ. އެތަނުގެ ހެޑް އޮފީސް ހުންނަނީ މާތްވެގެންވާ މައްކާގަ އެވެ.

