ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ކޯލިޝަނުން ހޯދި ކާމިޔާބީ ފާހަގަ ކުރުމަށް، މަރުހަބާ ދިވެހީންގެ ރާއްޖެ މަޖިލީހަށް ނަމުގައި ބާއްވާ ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެ ވަޑައިގެންފިއެވެ.
މި ޖަލްސާގައި އިންތިހާބީ ހުރިހާ މެމްބަރުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އަދި ރައީސުލް ޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ވިހިވަނަ މަޖިލީހުގެ 93 ދާއިރާއަށް މެންބަރުން ހޮވަން އިއްޔެ ބޭއްވި އިންތިޚާބުގައި ދެ ލައްކައަށް ވުރެ ގިނަ މީހުން ވަނީ ވޯޓުލައިފައެވެ.
ޖުމުލަ 90 ދާއިރާއަކަށް ޕީއެންސީގެ ކެންޑިޑޭޓުން ވާދަކުރީއިރު، އިދިކޮޅު އެމްޑީޕީން ވާދަކޮށްފައިވަނީ 89 ދާއިރާއަކަށެވެ.
އަދި، އަމިއްލަ 130 ކެންޑިޑޭޓުންނާއި، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ 10 ކެންޑިޑޭޓުންނާއި ދަ ޑިމޮކްރެޓްސްގެ 39 ކެންޑިޑޭޓުން އިންތިޚާބުގައި ވާދަކުރިއެވެ.
ވަގުތީ ނަތީޖާތައް ދައްކާގޮތުން ސަރުކާރު ހިންގާ ޕީއެންސީން ވަނީ މަޖިލީހުގެ 60 އަށްވުރެ ގިނަ ގޮނޑި ކާމިޔާބުކޮށްފައެވެ. އެއީ، މަޖިލީހުގެ ގާތްގަނޑަކަށް ތިންބައިކުޅަ ދެބައެވެ.
ޕީއެންސީން އެ އަދަދަށް ގޮނޑި ކާމިޔާބުކުރައްވާފައިވާއިރު، އެ ޕާޓީގެ ޓިކެޓާ ނުލައި އަމިއްލަ ގޮތުންނާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއެންޕީއާއި އެމްޑީއޭގެ ޓިކެޓުގައި ވެސް ސަރުކާރުގެ ކެންޑިޑޭޓުން ވާދަކުރެއްވިއެވެ.

