އަހަރުމެން ދިވެހިންނަކީ ނިކަން ފޮނި ބައެކޭ މީހުން ބުނަނީ ހަމަ ބުނަންވެގެންނެވެ. އަނގަ މަޖާ ކޮފީތަކުގައި މިވެނި ކަމެއް މިހެން ވެދާނެޔޭ، ނުވަތަ މިވެނި ވަރެއް ލިބޭނެޔޭ ބުނުމަކީ ނިކަން ފަސޭހައިން އަހަރުމެން ބުނެލާ އެއްޗެކެވެ.
ދަންނަވަން މިއުޅެނީ ސިޔާސީ އިންތިހާބެއްގައި އެންމެ ގިނައި އަހަރުމެން ކުރާނެ ކަމަކީ ހިސާބު ޖެހުމެވެ. މިރާއްޖޭގައި މި ފަހުން އުފެދުނު އެންމެ މޮޅަށް ހިސާބު ޖަހާ މީހަކީ ކޮބައިކަން ބުނެފިނަމަ އެންމެން އެއްބަސް ވާނެ އެކަކީ ރައީސުލް ޖުމްހުރިއްޔާގެ ސްޕެޝިއަލް އެޑްވައިޒަރ ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމިން އަދި އަބްދުއްރަހީމް
ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިޝް މުޝީރުގެ މަގާމު ފުރުއްވަމުން ގެންދަވާ އަބްދުއްރަހީމް ވިދާޅުވެފައިވަނީ ހިސާބު ޖައްސަވަނީ ވަރަށް ބޮޑަށް ސިޔާސީ މަޝްރަހު ބަލައި ދިރާސާކުރުމަށް ފަހު ކަމަށެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ އެކު ސިޔާސީ މަސައްކަތްޕުޅު ކުރައްވާފައިވާ އަބްދުއްރަހީމް ވިދާޅުވީ، ހިސާބު ޖައްސަވަނީ އެ ރައީސުންނާއެކު ކުރެވުނު ތަޖުރިބާއާ ރާއްޖޭގެ ރަށްތަކުގެ ސިޔާސީ ގޮތުން ކަންކަން އޮންނަ ގޮތް ބެލުމަށް ފަހު ކަމަށެވެ.
ތެދެކެވެ. ހިސާބެއް ޖައްސަވަން އެނގިވަޑައިގަންނަވާނީ ކޮންމެވެސް ވަރަކަށް ތަޖުރިބާ ވެސް ހުރީމައެވެ. އެހެންނޫންނަމަ ޖަހާ ހިސާބަކާ ނަތީއްޖާއަކާ ދިމަލެއް ނުވާނެތާއެވެ.

ރައީސް ޑރ މުއިއްޒު ޕީއެންސީއަށް ސޮއިކޮށް ފޯމް ޕީއެންސީގެ ޗެއާޕާސަން އާއި ހަވާލުކުރަނީ
އަބްދުއްރަހީމްގެ މޮޅު ހިސާބުގެ ވާހަކަ ދައްކަމާ ހިނގާށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވި ޖަލު ހުކުމާ އެކު ކޯލިޝަންގައި އެންމެ ބޮޑު ޒިންމާއެއް އުފުއްލަވަން ޖެހިވަޑައިގެން ހުންނެވި އަބްދުއްރަހީމްގެ ކުރިމަތީގައި އޮތީ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމާއި ފަސް އަހަރު އާއްމު މެމްބަރުންނާއި ޕާޓީގެ ލީޑަޝިޕުން ކުރެއްވި ބުރަ މަސައްކަތާ އެކު ކުރިއަށް ވަޑައިގަތުމެވެ. ސާބިތުކަމާ އެކު އޭނާ ޖެއްސެވި ހިސާބު ރިޔާސީ އިންތިހާބުގައި ވެސް ދިމާކުރެއްވި އެވެ. އަދި އެހިސާބު ޖެހުމަކުން މަލާމާތާއި ފުރައްސާރައާއި ކުރިމަތިވީ ވަކި ވަރަކަށެއް ނޫނެވެ.
މި ހިސާބު ދިމާވުމުން އަބްދުއްރަހީމަށް ގިނަ ބަޔަކު ތައުރީފްކޮށް ވާހަކަވެސް ދެއްކިއެވެ. ރާއްޖޭގެ އެންމެ މޮޅު ހިސާބު އިލްމިވެރިޔަކީ އަދުރޭއޭ ވެސް ބުނެއުޅުނެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ އެކު ސިޔާސީ މަސައްކަތްޕުޅު ކުރައްވާފައިވާ އަބްދުއްރަހީމް އަކީ މިދެންނެވި ސިޔާސީ މަޝްރަހުގައި ހުރިހާ ކަމެއް ރަނގަޅަށް ދެނެވަޑައިގެން ހުންނެވި އިސް ސިޔާސީ މީހެކެވެ.

އަޅުގަނޑު ހަނދާންވާ ގޮތުން، ވަކިން ހާއްސަކޮށް އެމްޑީޕީން އެންމެ ޖެހިލުންވާ، އަދި އެންމެ ރުޅި އަންނަ އެއްސިޔާސީ ފަރާތަކީ އަބްދުއްރަހީމެވެ. އެއީ ޖެހިލުމެއްނެތި ރައްދު ދެއްވާ އަދި ގިނަ ފަހަރަށް ކަން ވާނެގޮތް ލަފާކުރައްވާ ސިޔާސީ މޮޅު ބޭފުޅަކަށް ވާތީއެވެ.
ސިޔާސީ ހަޔާތުގައި 31 އަހަރު މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރޭގައި މި ވަގުތު މައިދާނުގައި، ކުލަފަނޑުނުވާ ހަމައެކަނި ސިޔާސީ ބޭފުޅަކީ އަބްދުއްރަހީމެވެ. އަބްދުއްރަހީމް ގެ އަޑު ސިޔާސީ މައިދާނުގައި ނީވި ދިޔަ ދުވަސްވަރެއް ހަމަގައިމުވެސް ފެނިފައެއް ނެތެވެ.
ކުރީގެ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމި ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވީ ރާއްޖޭގެ އެންމެ ނާޒުކު ދަނޑިވަޅުގައެވެ. ރާއްޖޭގެ އިގްތިސާދު ބޮޑު އަނދަވަޅަކަށް ވެއްޓި ބަނގުރޫޓު ވާން ކައިރިވެފައި ވަނިކޮށް ވެރިކަމާއި ހަވާލުވެ ގެންނަވަމުންދާ ބަދަލުތަކުގައި އަބްދުއްރަހީމްގެ ބައިވެރިވުން އޮންނާނެކަން ޔަގީނެވެ.

ވެރިކަމަށްފަހު ދެން މި ދިމާވި އިންތިހާބު، ރައްޔިތުންގެ މަޖީލީހުގެ އިންތިހާބުގައި ސަރުކާރުން ކޯލިޝަނުން 70 ގޮނޑި ނަގާނެ ވާހަކަ ވިދާޅުވުމުން ހުދު އަޅުގަނޑަށްވެސް ހިތާއި ހިތާއި ސުވާލުކޮށް ވާހަކަ ދެކެވުނެވެ. ރާއްޖޭގެ ހާލަތާއި، އަދި ރައީސް ޑރ މުހައްމަދު މުޢިއްޒު ކުރައްވަމުންދާ އުނދަގޫ ވެރިކަމަށް ބަލާފައި މިއީ ވެދާނޭ ކަމަކަށް ރާއްޖޭގެ ގިނަ ބަޔަކަށް ގަބޫލެއް ނުކުރެވުނެވެ. ރިޔާސީ އިންތިހާބުގައި ޖެއްސެވި ހިސާބު ދިމާވި ގޮތަށް މަޖިލިސް އިންތިހާބުގެ ހިސާބު ދިމާނުވާނޭ ކަމަށް ރާއްޖޭގެ މެޖޯރިޓީ މީހުން ދިޔައީ ބުނަމުންނެވެ.
މިއާއި ވިދިގެން އަބްދުއްރަހީމް ވިދާޅުވީ ހަމަ ވަރަށް ކުރު ޖުމްލައެކެވެ.
‘އަޅުގަނޑު ހިސާބެއް ބުނަނީ ވަރަށް ރަނގަޅަށް ސިޔާސީ މަޝްރަހުގައި ހިނގާ ކަންތައްތަކުގެ މައްޗަށް ރިޔާއަތް ކުރުމަށް ފަހުގަ. ހަމަ ކަރުން ނާރުނަގާފައި އެއްޗެއް ބުނުމުގެ މަގްސަދުގައެއް ނޫން"

އޮންލައިން މީޑިއާ އަކަށް ދެއްވާފައިވާ އިންޓަވިއުއެއްގައި ބުނެފައިވެއެވެ. ވެރިކަމާއި ހަވާލުވީމަ އެމްޑީޕީ އިދިކޮޅަށް އައިސް އެ މީހުން މަސައްކަތްކުރާނެ ގޮތާއި، އެމްޑީޕީ ބައިބައިވެ ޑިމޮކްރެޓްސް އުފެދުނީމަ އެ މީހުންގެ ތެރެއަށް އަންނާނެ ބަދަލާއި، ރައީސް ޔާމީން މިނިވަންވެ ވަޑައިގެންފިއްޔާ ދެން ކުރިމަތިވެދާނެ ކަންތައްތަަކަށް ހިސާބު ޖަހާފައި އަޅުގަނޑު ދެންނެވީ އޭގެ އަލީގައި ވެރިކަންކުރާ ކޯލިޝަނުން 70 އަށްވުރެ ގިނަ ގޮނޑި ނަގާނެކަމަށެވެ.
މަޖިލިސް އިންތިހާބުގައި މި ލިބުނު ކާމިޔާބީގައި އެންމެ ބޮޑު ސިއްރަކީ ރައީސް ޑރ. މުއިއްޒު ކަމަށާޢި އެމަނިކުފާނު ވޭތުވެދިޔަ ފަސް މަހު ދުވަހުގެ ތެރޭގައި މި ސަރުކާރުގެ ސިޔާސަތާއި ރައްޔިތުންނަށް ވީ ވައުދު ފުއްދެވުމުގައި ކުރިއަށް ވަޑައިގަތް ވަޑައިގަތުމާއި މަޝްވަރާގެ އުސޫލުން ކަންކަން ކުރެއްވުމާއި އިންތިހާބަށް ދޭން ޖެހޭ ސަމާލުކަމާއި އަހައްމިއްޔަތުކަން ދިނުމާއި ދުވަހުން ދުވަހަށް ވަގުތުން ވަގުތަށް މަޝްރޫއުތައް އޮޅުންފިލުއްވައި ކުރެއްވި ކަންކަން،" އަދުރޭ ވިދާޅުވި އެވެ.
އިންތިހާބުގެ ނަތީޖާ އިން އެނގުނީ، އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، އަބަދު ގައުމު ހަލަބޮލިކޮށްލައިގެން ތިބެން ރައްޔިތުން ބޭނުން ނުވުމެވެ. އެމްޑީޕީގެ ފިއްތުންތަކާއި ހުރަސްތައް ކުރިމަތިކުރިޔަ ނުދީ މި ވެރިކަމުގައި ކުރިއަށް ދާން ރައީސަށް މަގުފަހިކުރަން ރައްޔިތުން ތައްޔާރުކަން ވެސް ނަތީޖާ އިން ސާފު ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ސިޔާސީ ހަޔާތުގައި އަބަދުމެ ފިޔަޖަހުމުން އަންނަ އަބްދުއްރަހީމަށް ދެން އޮތީވެސް ސިޔާސީ ގޮތުން ޖަހާފައިވާ ހިސާބެއް ދިމާކުރުމެވެ. ސިޔާސީ ހޮޅުއަށި ތަކުން މިހާރު އެންމެ ގަދަޔަށް އިވޭ އަޑަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްއަކަށް އެންމެ ހައްގުކަން ބޮޑީ އަބްދުއްރަހީމް ކަމަށެވެ. އެގޮތުގެ މަތިން އަޅުގަނޑުވެސް ހިސާބެއް ޖަހައިފީމެވެ. އެއީ ބޮޑު އަގުލަބިއްޔަތަކުން މަޖިލީހުގެ ރައީސް އަކަށް އަބްދުއްރަހީމް އިންތިހާބުވުމެވެ.

