ވިހި ވަނަ ރައްޔިތުންގެ މަޖިލިހަށް ހޮވިފައިވާ އަންހެން މެންބަރުންގެ ތެރޭގައި، ދެން ފެށޭ ދައުރުގައި އެމްޑީޕީ ގެ އަޑު މަޖިލިހުގައި އުފުލާނެ އަންހެން މެންބަރ ނެތި، ތާރީޚު ބަދަލުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވި 43 އަންހެން ކެންޑިޑޭޓުންގެ ތެރެއިން އިންތިޚާބު ކާމިޔާބުކުރީ އެންމެ ތިން ކެންޑިޑޭޓުން ކަމަށްވާ އިރު އޭގެ ތެރޭގައި އިދިކޮޅު އެމްޑީޕީގެ އަޑު އުފުލާނެ އެ އަޑު ފަތުރާނެ އަންހެންކަނބަލަކު ނެތެވެ. މަޖިލިހުގެ މާޒީގައި އަބަދުމެ އެމްޑީޕީގެ އަޑު، އަންހެން މެންބަރުން އުފުލާފައިވި ނަމަވެސް އަދު މިވަނީ އެ މާޒީ ބަދަލު ވެދެއެވެ.
ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި މި އިންތިޚާބުގައި ގޮނޑި ކާމިޔާބު ކުރެވުނީ މާފަންނު މެދު ދާއިރާއަށް ވާދަކުރެއްވި ކެންޑިޑޭޓް އަސްމާ ރަޝީދާއި، ނިލަންދޫ ދާއިރާއަށް ވާދަކުރެއްވި ކެންޑިޑޭޓް ފާޠިމަތު ސަޢުދާއާއި ހުރާ ދާއިރާއަށް ވާދަކުރެއްވި ކެންޑިޑޭޓް ޑރ. އަނާރާ ނަޢީމަށެވެ. އަސްމާ އާއި އަނާރާ ވެސް ވަނީ މީގެ ކުރިން މަޖިލީހުގެ މެންބަރުކަން ކުރައްވާފައެވެ.
މި އިންތީޚާބުގައި ގޮނޑި ކާމިޔާބު ކުރެއްވި އަސްމާ އަދި ސައުދާ އަކީ ސަރުކާރުގެ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް އިން ވާދަކުރެއްވި ހަމައެކަނި އަންހެން ދެ ކެންޑިޑޭޓުންނެވެ. އަނާރާ ވާދަކުރެއްވީ އަމިއްލަ ގޮތަށެވެ.
19 ވަނަ މަޖިލީހުގައި 4 އަންހެން މެންބަރުން ތިއްބަވައެވެ. އެ މެންބަރުންގެ ތެރެއިން ބައެއް މެންބަރުން އިންތިޚާބުގައި ވާދަނުކުރުމަށް ނިންމެވިއިރު ބައެއް މެންބަރުން ވަނީ ޕްރައިމަރީން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ. އަދި ޕްރައިމަރީ ކާމިޔާބުކުރައްވައިގެން ވާދަކުރެއްވި ކެންޑިޑޭޓުންނަށް އާދީއްތަ ދުވަހު ބޭއްވި އިންތިޚާބުގައި ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ. މިގޮތުން ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދަށްވެސް ވަނީ ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފައެވެ.

