ރާއްޖެއަށް ގެންނަން ގަސްތުކުރި ތަރައްގީ ގެނެވުމުގެ ފުރުސަތު ލިބިއްޖެ ކަމަށާއި، އެ މަސައްކަތް ދެންދާނީ ކުރިއަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ މިއީ ރައްޔިތުން ކުރި އިތުބާރުގެ މައްޗަށް ރާއްޖެއަށް ގެންނަންޖެހިފައިވާ ތަރައްގީ ކަމަށެވެ. ރައީސް މިހެންވިދާޅުވީ “މަރުހަބާ ދިވެހީންގެ ރާއްޖެ” ނަމުގައި ޕީއެންސީން މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބިފައިވާތީ އާޓިފަޝަލް ބީޗްގައި ބޭއްވި އުފާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުނެވެ.
ރައީސް ވިދާޅުވީ ނިމިދިޔަ ފަސްމަހުގެ ތެރޭގައި ކުރެވުނު މަސައްކަތަށްވުރެ އެތައްގުނައަކުން ސްޕީޑު އަވަސްކޮށްކުރެވިގެންދާނެ ކަމަށާއި، ރައްޔިތުން ބޭނުންވި ތަރައްގީ ގެނައުމުގެ މަސައްކަތް މިހާރުންމިހާރަށް ފެށިގެންދާނެ ކަމަށެވެ.
“އިރާދަކުރެއްވިއްޔާ ދެން ފެށޭނީ މި ގައުމު ތަރައްގީ ވާން. އަޅުގަނޑުގެ ކެބިނެޓުގެ ވަޒީރުންނާ ކުންފުނިތަކުގެ ވެރިންނާ އަދި އަޅުގަނޑުމެންގެ އިއްޒަތްތެރި މަޖިލީހުގެ މެންބަރުންނަށް ވެސް ދަންނަވާލަން ބޭނުންވަނީ ވޭތުވެދިޔަ ފަސް މަސް އެއީ އެއްވެސް އެއްޗެއް ނޫނޭ. ތިބޭފުޅުން ދެން އުޅުއްވަންޖެހޭނީ 24 ގަޑއިރު ހޭލައޭ. ހަމަ ސީރިއަސްކޮށް މިދަންނަވަނީ، އަޅުގަނޑު ބޭނުންވަނީ ރައްޔިތުންނަށް ތަރައްގީ ރައްޔިތުން ބޭނުންވި ގޮތަށް ގެނެސްދޭން. ރައްޔިތުން އެކަމަށް އިތުބާރު ކުރެއްވީތީ އަދިވެސް ޝުކުރު ދަންނަވަން” ރައީސ ވިދާޅުވިއެވެެ.
ރައީސް ވިދާޅުވީ ރާއްޖެ ނުބައި މިސްރާބަކުން ދަނިކޮށް ރަނގަޅު ހެޔޮ މިސްރާބަށް ދިވެހިރައްޔިތުންގެ ބުރަ މަސައްކަތުންވަނީ ގެނެސްދެވިފައި ކަމަށެވެ. ރައްޔިތުން ކުރި އެ ބުރަ މައްސައްކަތް ބޭކާރުވިޔަ ނުދޭނެ ކަމަށާއި، ރައްޔިތުން ކޮށްދީފައިވާ ކަންކަން ބަލައިގެންނާނެ ކަމަށެވެ. އަދި ރައްޔިތުން ބޭނުންވި ގޮތަށް މި ގައުމުގައި މާތްވެގެންވާ އިސްލާމް ދީން ކުރިއަށްނެރެ އިސްލާމީ ޝިޔާރު މަތިވެރިކުރާނެ ކަމަށެވެ.
މިއީ އިސްލާމްދީން ކުރިއަށްނެރޭ ގައުމެއް ގޮތުގައި ބޭއްވުމަށްވެސް މަސައްކަތް ފައްޓަވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ އަކީ ،މިނިވަންކަން ޔަގީންވެފައި އޮތް ގައުމެއް ކަމަށާއި، އަދި ރައްޔިތުން އެދޭ ތަރައްގީ ބާރު ދުވެލީގައި ހޯދައިދީ އެކަންކަން ސާބިތު ކޮށްދޭނެ ގައުމެއް ކަމުގައިވެސް ހަދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

