ފާއިތުވި ދެ ދައުރުގައިވެސް ރައްޔިތުންގެ މަޖިލިހަށް ސުޕާރ މެޖޯރިޓީދީ، އަދި 20 ވަނަ ރައްޔިތުންގެ މަޖިލީހަށްވެސް ސުޕާރ މެޖޯރިޓީ ރައްޔިތުން ދީފި ކަމަށާއި، އެއީ ރައްޔިތުން ތަރައްގީއަށް ބޭނުންވެފައިވާ މިންވަރު ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
އަލީ ހުސެއިން ވިދާޅުވީ ކަންމިހެން އޮތުމުން ސަރުކާރުން ފަށާފައިވާ ތަރައްގީގެ އެއްވެސް މަޝްރޫއަކަށް އެއްވެސް ބަހަނާއެއް އޮވެގެން ނުވާނެ ކަމަށެވެ. މަޖިލީހުގައި މިއަދު ކުރިއަށްދިޔަ މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަލީ ހުސެއިން ފާހަގަކުރެއްވީ ރައްޔިތުންގެ މަޖިލީހަށް ސުޕަރ މެޖޯރިޓީ ދީފައިވަނީ ރައްޔިތުންގެ ބޭނުންތައް ފުއްދުމަށް ކަމަށެވެ.
” ރައްޔިތުން އެ ބުނަނީ ދެ ލޯފުޅާއޭ މި ގައުމުގަ ހުރި މައްސަލަތައް ހައްލުކޮށްދޭށޭ. މި ގައުމު އިސްލާހު ކޮށްދޭށޭ. ތިމަންނަމެން ބޭނުންވާ ތަރައްގީވެސް ގެންނާށޭ” އަލީ ހުސެއިން
އަލީ ހުސެއިން ވިދާޅުވީ ސަރުކާރުގެ ބޮލުގައި ވަނީ ވަރަށްބޮޑު ޒިންމާއެއް ކަމަށާއި، އެ ޒިންމާ ފުރިހަމަ ގޮތުގައި ނަނގަންޖެހޭ ކަމަށެވެ. ރާއްޖެގައި މިހާރު އޮތީ ރިޔާސީ ނިޒާމެއް ކަމަށާއި، ނަމަވެސް މަޖިލީހުގެ ތެރެއިން އެ ނިޒާމަށް ބާރުދެވޭ ގޮތަށް މަސައްކަތް ކުރެވޭނެ ޖާގަ އެއްވެސް އިރެއްގައިބާރު ލިބިދީގެން ނުވާ ކަމަށެވެ. އަބަދުވެސް ފެންނަނީ މަޖިލީހަކީ ސަރުކާރުގެ ގޮއްޕެއްގެ ގޮތުގައި މަސައްކަތް ކުރެވުމަށް ޖާގަ ލިބިގެން ދާތަން ކަމަށްވެސް އަލީ ހުސެއިން ވަނީ ފާހަގަ ކުރެއްވާފައެވެ.
ރައްޔިތުންގެ މަޖިލިސް ހިނގަންޖެހޭނީ ވަކި ބާރެއްގެ ގޮތުގައި ކަމަށާއި، ނަމަވެސް މީގެ ކުރިން ކަންހިނގާފައިވާ ގޮތުން ބިލް ތައްޔާރު ކުރުމާއި ބިލް ޑްރާފްޓް ކުރުންވެސް އަންނީ ބަންޑާރަ ނައިބުގެ އޮފީހާއި ރައީސް އޮފީހުން އަންނަ އެއްޗެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވިއެވެ. މިކަމުގައި މަޖިލީހުގެ ބާރެއް ނޯންނަ ކަމަށެވެ.
މިހެން ކަމުން ޖަވާބު ދާރީ ކުރުވުމަށް ހުރަސްތައް ހުންނަ ކަމަށްވެސް އަލީ ހުސެއިން ވަނީ ފާހަގަ ކުރައްވާފައެވެ.
“ސަރުކާރުން ބުނެގެން ނުވަތަ ސަރުކާރުން ދެ ކޮޅު ހަދާ އެއްވެސް ކަމެއް މަޖިލީހުން ކޮށްގެން ނުވާނެ. މަޖިލީސް އޮނަން ޖެހޭނީ މަޖިލީހުގެ ގޮތުގަ.” އަލީ ހުސެއިން
ސަރުކާރަކީ ގައުމު ހިންގުމައްޓަކާއި ހޮވާ ބައެއް ކަމަށާއި، މަޖިލީހަކީ ސަރުކާރު ހިންގަނީ ރަނގަޅަށްތޯ ބަލާ ގާނޫނޫ އަސާސީން ބޭރުން އެއްވެސް ކަމެއް ގޯސްކޮށްދާތޯ ބަލަން ކަނޑައަޅާފައިވާ ބައެއް ކަމަށެވެ.
އަލީ ހުސެއިން އިތުރަށް ވިދާޅުވީ 2009 ވަނަ އަހަރު ފިޔަވާ ރައްޔިތުން މި ދަނީ ސަރުކާރަށް މަޖިލީހުގެ ސުޕާރ މެޖޯރިޓީ ދެމުން ކަމަށާއި، އެގޮތުން 2014، އަދި 2019 ގަވެސް މަޖިލީހަށް ސަރުކާރުން ބޭނުންވާ ގޮތަށް ރައްޔިތުން ކަންކޮށްދީފައިވާ ކަމަށެވެ.
އެހެންކަމުން މި ސަރުކާރަށް ވެސް މަޖިލީހުގެ ބޮޑު ތާއިދެއް ލިބި ގިނަ ގޮނޑި ތަކެއް ލިބިފައިޥާއިރު، ތައްރިއްގީ އެއްވެސް މަަސައްކަތެއް ހުއްޓިގެން ނުވާނެ ކަމަށެވެ. އަދި އެ ކަމުގައި އެއްވެސް ޝަކުވާއެއް އެއްވެސް ބަހަނާއެއް ސަރުކާރުން އޮވެގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ. ހާއްސަކޮށް ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން ޖެހޭނެ ކަމަށްވެސް އަލީ ހުސެއިން ވަނީ ފާހަގަ ކުރައްވާފައެވެ.

