ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބޭރުގެ ގައުމުތަކުގެ ސަފީރުންގެ ގޮތުގައި އައްޔަނުކުރެއްވި 10 ބޭފުޅުންގެ ތެރެއިން 8 ބޭފުޅަކަށް ރުހުން ދިނުމަށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.
މި ގޮތަށް ފާސްކުރީ ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއިން މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމުގައެވެ.
ކޮމިޓީން ރުހުން ދިނުމަށް ނިންމާފައިވާ ސަފީރުންނަކީ:
-
ސްރީލަންކާއަށް ކަނޑައަޅުއްވާ ސަފީރުކަމަށް މައްސޫދު އިމާދު
-
މެލޭޝިއާއަށް ކަނޑައަޅުއްވާ ސަފީރުކަމަށް ޑރ. މަރިޔަމް ޝަބީނާ އަޙްމަދު
-
ބެލްޖިއަމަށް ކަނޑައަޅުއްވާ ސަފީރުކަމަށް ގީލާ އަލީ
-
އެކުވެރި އަރަބި އިމާރާތަށް ކަނޑައަޅުއްވާ ސަފީރުކަމަށް މުޙައްމަދު ހުސައިން ޝަރީފް
-
އިނގިރޭސިވިލާތަށް ކަނޑައަޅުއްވާ ސަފީރުކަމަށް ޑރ. އިރުތިޝާމް އާދަމް
-
އދ.ށް ކަނޑައަޅުއްވާ ދާއިމީ މަންދޫބަކަށް ޑރ. އަލީ ނަސީރު މުޙައްމަދު
-
ޖެނީވާގައި ހުންނަ އދ.ގެ އޮފީސްތަކަށް ކަނޑައަޅުއްވާ ދާއިމީ މަންދޫބަކަށް، ޑރ. ސަލްމާ ރަޝީދު
-
ސިންގަޕޫރަށް ކަނޑައަޅުއްވާ ސަފީރުކަމަށް މުޙައްމަދު ލުވައިޒް
ސަފީރުންގެ ގޮތުގައި އައްޔަންކުރަން ރައީސް ފޮނުއްވާފައިވާ ނަންތަކުގެ ތެރެއިން ކޮމެޓީން ގޮތެއް ނިންމާފައި ނުވަނީ ޗައިނާގައި ހުންނަވާ ދިވެހި ސަފީރުކަމަށް އައްޔަންކުރައްވަން ފޮނުއްވާފައިވާ ޑރ. ފަޒީލް ނަޖީބާއި ބަންގްލަދޭޝްގައި ހުންނަވާ ސަފީރުކަމަށް އައްޔަންކުރައްވަން ފޮނުއްވާފައިވާ ޝިއުނީން ރަޝީދުއެވެ.
މި ދެބޭފުޅުންނާއި މެދު ގޮތެއް ނިންމާފައިނުވަނީ ވަނަވަރު އަދި ކޯޓުން ސާފު ނުވާތީ އެބޭފުޅުންގެ އިންޓަވިއު ނުބާއްވާތީ ކަމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ޖަލްސާގައި ވަނީ ބުނެފައެވެ.

