ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަންކަމުގެ މަގާމަށް، ސ.ހިތަދޫ، ސަންސެޓްވިލާ، ހީނާ ވަލީދު މިއަދު އައްޔަން ކުރައްވައިފިއެވެ.
މިއީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަންކަމުގެ މަގާމުގެ މަސްއޫލިއްޔަތާ އަންހެން ބޭފުޅަކު ހަވާލުވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަންކަމަށް ހީނާ ވަލީދު ޢައްޔަންކުރައްވާފައިވަނީ، އެކަމަނާ މިހާރު ހުންނެވި އެންސްޕާގެ ސީއީއޯގެ މަޤާމު އަދާކުރައްވަމުން ގެންދަވާގޮތަށެވެ.
އަދި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސް ޕާސަންގެ ގޮތުގައި ހީނާ ވަލީދު ޚިދުމަތްކުރައްވަމުން ގެންދަވާނީ، މުސާރަ ނުނަންގަވާ މަޤާމެއްގެ ގޮތުގައެވެ.
މީގެ ކުރިން ހީނާ ވަލީދު ވަނީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޕޮލިޓިކަލް ޑިރެކްޓަރކަމާއި، ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާގެ ގިނަ މަޤާމުތަކެއް ފުރުއްވާފައެވެ. އަދި ރާއްޖޭގެ ޤައުމީ މީޑިއާގައި ދިގު މުއްދަތަކު ޚިދުމަތްކުރައްވާފައެވެ. ޕަބްލިކް ސަރވިސް މީޑިއާގެ ހެޑް އޮފް ނިއުސްގެ މަޤާމުވެސް ހީނާ ވަލީދު ވަނީ އަދާކުރައްވާފައެވެ.
ޗީފް ސްޕޯކްސްޕަރސަން އެޓް ދަ ޕްރެޒިޑެންޓްސް އޮފީސްގެ މަގާމަށް ޢައްޔަނުކުރެއްވި ހީނާ ވަލީދު މަތީ ތަޢުލީމު ޙާސިލްކުރައްވާފައިވަނީ މާސް ކޮމިއުނިކޭޝަން ޖަރނަލިޒަމް އެންޑް އެޑްވަރޓައިސްމަންޓްގެ ދާއިރާއިންނެވެ.
މަޖިލީސް އިންތިހާބުގެ ދުވަސްވަރުވެސް ޕީއެންސީގެ ފަރާތުން އިސް ސްޕޯކްސްޕާސަންކަމުގެ މަގާމުގައި ވެސް ހުންނެވީ ހީނާ ކަމެވެ. ހީނާ ފާހަގަވެގެން ގޮސްފައި ވަނީ ވަރަށް ބޮޑަށް ނޫސްވެރިންނާއި ގާތުން މަސައްކަތް ކުރައްވާ، އަދި ނޫސްވެރިންގެ ސުވާލުތަކަށް ނުހަނު ވިސްނުންތެރިކަމާއި ހުށިޔާރު އެހާމެ އަވަސް ޖަވާބު ދެއްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ.

