21 އޭޕްރީލްގައި ބޭއްވުނު އިންތިހާބުން ޕީއެންސީންގެ ޓިކެޓްގައި އިންތިހާބުވި މެމްބަރުން މަޖިލީހުގެ މެޖޯރިޓީ ހިފެހެއްޓުމުގައި ދެމި ތިބޭނެ ކަމުގެ ޔަގީންކަން އެބައޮތްކަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގުރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން އަދުރޭ ފާހަގަކުރެއްވީ ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހިފެހެއްޓޭނެ ކަމަށާއި، އެ ކަމުގައި އޭނާއަށް ވަރަށްބޮޑު ޔަގީންކަމެއް ވަނީ ލިބިފައި ކަމަށެވެ.
“އަޅުގަނޑުމެންނަށް ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތް އަޅުގަނޑުމެންނަށް ލިބުނު މެޖޯރިޓީ ހިފެހެއްޓޭނެކަން. އެ ޔަގީންކަން އޮތް ގޮތަކީ، 17 ވަނަ މަޖިލީހުގައި އަޅުގަނޑު މަސައްކަތް ކުރިން، 18 ވަނަ މަޖިލީހުގައި މަސައްކަތް ކުރިން ދެން 19 ވަނަ މަޖިލީހުގައި މަސައްކަތް ނުކުރެވުނަސް، 19 ވަނަ މަޖިލީހަށް ބަދަލު އައި އިރު އަޅުގަނޑު ސިޔާސީ މައިދާނުގައި ހުރީ ވާނުވާ އެނގޭ ހިސާބުގައި،” އަދުރޭ ވިދާޅުވިއެވެ.
އަދުރޭ އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އާ މަޖިލިސް ރައްޔިތުންނަށް ދެން ފެންނާނީ ފާއިތުވި އެހެން މަޖިލިސްތަކާ މުޅިން ތަފާތު މަޖިލީހެއްގެ ގޮތަށް ކަމަށެވެ. އެއީ ރައްޔިތުންގެ ބޭނުންތައް ފުއްދޭނެ މަޖިލީހެއްކަމަށާއި، ރައްޔިތުން މިއަދު ތިބީ ގާނޫނަށް ގެންނަންޖެހޭ ބަދަލެއްވެސް ގެނެސްގެން އެކަންއެގޮތަށް ކުރުމަށް ފުރުސަތު ދީފައި ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން މިސަރުކާރުން ރައްޔިތުންނަށް އެ މަންޒަރު ދައްކާނެ ކަމަށާއި، ފެންނާނީ އެގޮތަށް ކަންކަންވެގެންދާ ތަން ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
އާ މަޖިލީހުން މުޅިންވެސް ފެންނަނާނީ ރައްޔިތުންގެ ލާބަޔައި މަންފާއަށްޓަކައި ހަދަންޖެހޭ ޤާނޫނުތައް ހެދުމާއި ރައްޔިތުންގެ ފައިދާއަށް މަސައްކަތް ކުރާ މަޖިލީހެއްގެ ގޮތުގައި މަސައްކަތް ކުރާތަން ކަމަށްވެސް ވިދާޅުވިއެވެ.

