ކުރީގެ ފޮރިންމިނސްޓަރު އަދި މިހާރު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ ބައްޕާފުޅު އައްޝައިޚް މޫސާ ޖަމީލް އަވަހާރަވެއްޖެއެވެ.
ޝާހިދުގެ ބައްޕާފުޅު އައްޝައިޚް މޫސާ ޖަމީލް އަވަހާރަވީ މިއަދު ހެނދުނެވެ.
އަބްދުﷲ ޝާހިދު އެކްސްގައި ވިދާޅުވީ ބައްޕާފުޅަކީ މުޅި އުމުރުގައި ވެސް އޭނާގެ އެންމެ ބޮޑު ބާރަކާއި އެންމެ އިޚްލާޞްތެރި ފާޑުކިޔުންތެރިޔާ ކަމުގައެވެ.
“އަޅުގަނޑުގެ ޝަޚްޞިއްޔަތު ބައްޓަންކުރައްވައި، އަޅުގަނޑުގެ ކެރިއަރަށް އިރުޝާދު ދެއްވައި، ކޮންމެ ފިޔަވަޅެއްގައިވެސް ނަޞޭޙަތްދެއްވި. ބައްޕާފުޅުގެ ނަޒާހަތްތެރިކަމާއި، ބައްޕާފުޅުގެ އަޚްލާޤުގެ ވަރުގަދަކަމާއި، ކެތްތެރިކަމާއި، ބައްޕާފުޅު ޤަބޫލުކުރާ ކަންކަމަށް އޮތް ޝައުޤުވެރިކަމާއި، ބައްޕާފުޅުގެ ސިފައަކީ އަބަދުވެސް އަޅުގަނޑަށް ލިބޭ ހިތްވަރެއް”އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.
ޝާހިދުގެ ބައްޕާފުޅު އަވަހާރަވުމާ ގުޅިގެން ރައީސް، ޑރ. މުހައްމަދު މުއިއްޒު ވަނީ ތައުޒިޔާ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ ޝާހިދުގެ ލޮބުވެތި ބައްޕާފުޅު، އަލް މަރްޙޫމް ދަރަވަންދޫގޭ މޫސާ ޖަމީލް، ހ. ރަބީޢީމަންޒިލް، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ޚަބަރު އެހީ ނުހަނު ފުން ހިތާމަޔާއެކުގައި ކަމަށެވެ.
https://x.com/MMuizzu/status/1782984130172719481
މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުމާއި އެކު މައްޔިތާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށްވެސް ރައީސްގެ މެސެޖްގައި ވެއެވެ.

