ކުރީގެ ފޮރިން މިނިސްޓަރ އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ ބައްޕާފުޅު ޝައިހް މޫސާ ޖަމީލު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އަބްދުﷲ ޝާހިދުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒު، އަދި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީގެ ރައީސް އަބްދު ﷲ ޝާހިދުގެ ލޮބުވެތި ބައްޕާފުޅު، އަލް މަރްޙޫމް ދަރަވަންދޫގޭ މޫސާ ޖަމީލް، ހ. ރަބީޢީމަންޒިލް، ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވި ޚަބަރު އެހީ ނުހަނު ފުން ހިތާމަޔާއެކު ކަމަށާއި އަދި މާތް ﷲ މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުމަށް އެދި ދުއާ ކުރެއްވިއެވެ.
ނައިބުރައީސް ވެސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝައިހް މޫސާ ޖަމީލު، އަވަހާރަވި ހަބަރު އަޑު އެއްސެވީ ފުން ހިތާމައާއިއެކު ކަމަށް ވިދާޅުވެފައެވެ. އަދި މަރްހޫމަށް ސުވަރުގޭގެ ނިއުމަތް މިންވަރު ކުރައްވައި، އާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުމަށް ދުއާ ކުރެއްވިއެވެ.
ޖަމީލް އަވަހާރަވިއިރު، އަނބިކަނބަލުން މައުމޫނާ ވަޖީހުގެ ކައިވެންޏަށް ފަސް ބޭފުޅުން ލިބިވަޑައިގަތެވެ. އެއީ ޝާހިދުގެ އިތުރުން އެންމެ ދޮއްޓަށް ހުންނެވި މުހައްމަދު ޝާހިދާއި އަހުމަދު ޝާހިދެވެ. އެންމެ ހަގަށް ލިބިވަޑައިގަތީ ފާތުމަތު ޝާހިދާ އާއި އާމިނަތު ޝާހިދާއެވެ.
މި ބޭފުޅުންގެ ތެރެއިން ދުނިޔޭގައި ތިއްބެވީ އަބްދުﷲ ޝާހިދާއި މުހައްމަދު ޝާހިދާއި އަހުމަދު ޝާހިދެވެ. ވ. އަތޮޅު ކެޔޮދޫއަށް ކުރި ދަތުރުގެއްގެ ތެރޭގައި މޫދަށް ގެނބިގެން 1980 ވަނަ އަހަރު ފާތުމަތު ޝާހިދާއި އައިމިނަތު ޝާހިދު ވަނީ ދުނިޔެ ދޫކުރައްވައިފައެވެ.
ކުރީގެ އުއްތަމަފަނޑިޔާރު، އަދި މަޝްހޫރު އަދީބު ޝައިޚު މުހައްމަދު ޖަމީލް ދީދީ އަކީ، ޝެއިޚް މޫސާ ޖަމީލްގެ އެއްބަނޑު އެއްބަފާ ބޭބެ އެވެ. ޝައިޚު ޖަމީލު ދީދީ ފަނޑިޔާރު މަނިކުފާނަކަށް ހުންނެވިއިރު، މޫސާ ޖަމީލު ވެސް ފަނޑިޔާރުކަން ކުރެއްވި އެވެ. ނަމަވެސް، ހަޔާތުގެ ބޮޑުބައި ހޭދަކުރެއްވީ މީހުންނަށް އުނގަންނައި ދެއްވުމުގައެވެ.
މޫސާ ޖަމީލުގެ ކަށުނަމާދު އޮންނާނީ މިއަދު ހަވީރު، އަސުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.

