ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވެ، ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސް ކޮށްފިއެވެ.
އެޗްޕީއޭ އިން ބުނީ ޗިކުންގުންޔާ ފެތުރޭ މިންވަރު މި މަހު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި މި މަހު އެކަނިވެސް މާލޭ ސަރަހައްދުން ޗިކުންގުންޔާގެ 46 ކޭސް ރިޕޯޓުށްފައިވާ ކަމަށެވެ.
އެޗްޕީއޭ އިން ބުނީ ބަލިން ރައްކާތެރިވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި މަދިރި އުފެދޭ ތަންތަން ނައްތާލުމާ، މަދިރި ނުހަފާނެ ގޮތަކަށް ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އެދިފައެވެ.
ޗިކުންގުންޔާ އަކީ މަދިރީގެ ސަބަބުން ފެތުރޭ ވައިރަސް އަކުން ޖެހޭ ބައްޔެކެވެ. ޗިކުންގުންޔާ ޖެހެނީ ބަލި ޖައްސާ ވައިރަސް ނުވަތަ ޖަރާސީމް އަށަގެންފައިވާ އަންހެން މަދިރިއެއް ސަލާމަތުން ހުރި މީހާގެ ހަށިގަނޑުގައި ހެފުމުގެ ތެރޭގައި ޗިކުންގުންޔާ ޖައްސާ ވައިރަސް އެމީހެއްގެ ހަށިގަނޑަށް ވާސިލްވުމުންނެވެ. މިގޮތަށް އެކަކު ގައިން އަނެކަކު ގަޔަށް ބަލި ޖައްސަމުން ގެންދެއެވެ.
މި ބަލި ޖެހުމުން ވަރަށް ބޮޑަށް ހުޅުތައް ދުޅަވެ، ހުޅުތަކުގައި ތަދުވެ ރިއްސާނެއެވެ. ޗިކުންގުންޔާ ޖެހުމަށްފަހު އަލާމާތްތައް ނުފެނި ދިއުމަކީ ވެސް ވެދާނެ ގޮތެކެވެ.

