ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުޞަތު އިތުރުކޮށްފި އެވެ.
މަތީ ތަޢުލީމާއި ތަމްރީން ހޯދަން ސަރުކާރުން ދޭ ލޯނަށް އެދި އެޕްލިކޭޟަން ހުށައެޅުމުގެ މުއްދަތަށް 7 ދުވަސް އިތުރުކޮށްފައިވާ އިރު، މެއި މަހުގެ 2 ވާ ބުރާސްފަތި ދުވަހު އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި ހަމަވާނެކަމަށް ހަޔަރ އެޑީއުކޭޝަން މިނިސްޓްރީ އިން ބުނެފައިވެއެވެ.
މިފަހަރުގެ ލޯން ސްކީމްގެ ދަށުން ހުޅުވާލާފައިވަނީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށާއި މިހާރު ކިޔަވަމުންދާ ދަރިވަރުން ހިމެނޭހެން 500 ފުރުޞަތެވެ.
ލޯން ސްކީމްގެ ދަށުން ރާއްޖޭގައި ޑިޕްލޮމާއިން ފެށިގެން މާސްޓަރސް ޑިގްރީ ލެވަލްއަށް ކިޔެވުމަށް ފުރުޞަތު ހުޅުވާލާފައިވެއެވެ. އަދި ރާއްޖެއިން ބޭރުން ޑިޕްލޮމާ ފެންވަރުން ފެށިގެން ޕީއެޗްޑީ ފެންވަރަށް ކިޔެވުމަށް ފުރުސަތު ހުޅުވާލާފައި ވެއެވެެ.
ދިވެހި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ ހުރިހާ ދަރިވަރުންނަށް އެދަރިވަރަކު ކިޔަވުންދާ ދާއިރާއިން އެޕްލިކޭޝަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާއި އެ ފަރާތެއްގެ ޓިއުޝަންފީގެ ތެރެއިން ފުރަތަމަ ޑިގްރީ ސްކީމުގެ ދަށުން ހަމަޖެހިފައިނުވާ އެހެނިހެން ޚަރަދުތައް ހޯދުމަށް ފުރުޞަތު ހުޅުވާލާފައިވެއެވެ.
ލޯނު އެހީގެ ދަށުން ދޭން ކަނޑައަޅާފައިވާ ހުރިހާ ޚަރަދެއް އެއްކޮށް ދޭނީ ޢިއުލާންކޮށްފައިވާ ޤައުމުތަކަށެވެ. އެނޫން ޤައުމެއްގައި ކިޔެވުމަށް ލޯނުދޭނީ ޢިއުލާންކޮށްފައިވާ ޤައުމުތަކުގެ ތެރެއިން ދަރިވަރު އިޚްތިޔާރުކުރާ ޤައުމަކަށް ކަނޑައަޅާފައިވާ ރޭޓުންނެވެ. އަދި ނުކުޅެދުންތެރިކަން ހުންނަށް ފަރާތްތަކަށް ހާއްސަކޮށް ރާއްޖެއާއި ރާއްޖޭން ބޭރުން ކިޔެވުމަށް ފުރުޞަތު ހުޅުވާލާފައިވެއެވެ.
ލޯނަށް އެދި ފޯމް ހުށަހަޅާނީ ޕޯޓަލް މެދުވެރިކޮށެވެ.
ސަރުކާރުން ވަނީ މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީ ގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިޚްތިޔާރުން ބޭރުން ކަމެއް ދިމާވެ، ޕްރޮގްރާމް ފުރިހަމަ ނުކުރެވިގެންދާ މުއްދަތަށް ޓޮޕްއަޕް ލޯނު ދިނުމަށްވެސް ފުރުޞަތު ހުޅުވާލާފައެވެ.

