ފެނަކަ ކޯޕަރޭޝަންގެ ވެރިންނާ ގުޅޭ ހިޔާނާތުގެ 25 މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށައަޅާފައިވާ ކަމަށް އެކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.
އޭސީސީއަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި އެސްޓިމޭޓެެއް ނުހަދާ ޓމާކެޓްގައި ތަކެތި ލިބެން ހުރި އަގުތައް ނުބަލައި ފެށި މަޝްރޫއުތައް ހިމެނޭކަމަށެވެ. އަދި އުސޫލުތަކާ ހިލާފަށް މަޝްރޫއުތައް ފެށުމުން މާކެޓްގެ އަގަށް ވުރެ 50 ޕަސެންޓް ބޮޑު އަގުގައި ތަކެތި ގަނެފައިވާ ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ.
މުއާޒު ވިދާޅުވީ މަޝްރޫއުތަކަށް ބޭނުންވާ މުވައްޒަފުންނާއި މަަސައްކަތް ނިމޭނެ އަގަކާއި ނިންމާނެ ދުވަހެއް ކަނޑަނާޅައި، އުސޫލުތަކާ ޚިލާފަށް މަޝްރޫއު ތަކެއް ފަށާފައިވުމުން ބޮޑެތި ހަރަދުތަކެއް ކުންފުނިން ކުރަން ޖެހިފައިވާ ކަމަށެވެ.
އޭސީސީ އަށް މައްސަލަތައް ހުށަހެޅީ އެ މުއާމަލާތްތައް ހިންގި ވެރިންނަށް އަބަދު ދެވޭ ވަރުގެ ހެކިތަކާ އެކީގައި ކަމަށާއި މައްސަލަތަކުގައި ފެނަކައިގެ އެކި ފެންވަރު ވެރިން ބައިވެރިވެފައިވާ އިރު، އޭގެ ތެރޭގައި ކުރީގެ އެމްޑީ މުހައްމަދު ސައީދާ ގުޅޭ މައްސަލަތަކެއް ވެސް ހިމެނޭކަމަށް މުއާޒު ފާހަގަ ކުރެއްވިއެވެ.

