ދިވެހި ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިއަދު، އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި އެ ފުލުހުންނަށް ހުވާލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލްއެވެ.
އެ ރަސްމިއްޔާތުގައި ހުވާކޮށްފައިވަނީ ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު އަންހެން 27 ފުލުހުންނާއި ފިރިހެން 51 ފުލުހުންގެ އިތުރުން ސްޕެޝަލް ކޮންޓަބިއުލަރީ އަންހެން 10 ފުލުހުންނާއި ފިރިހެން 11 ފުލުހުން ހިމެނޭހެން ޖުމްލަ 99 ފުލުހުންނެވެ.
ހުވާކުރުމަށްފަހު އެ ފުލުހުން ވަނީ ހުވާގެ ލިޔުމުގައި ސޮއިކޮށްފައެވެ.
އެ ރަސްމިއްޔާތުގައި، ހެޑް އޮފް ޕީޕަލް ޑައިރެކްޓްރޭޓް، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަބްދުއް ރަހްމާން، ހެޑް އޮފް ވޯކްފޯސް ޕްލޭނިން އެންޑް މެނޭޖްމަންޓް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ސުލްތާން އަހުމަދު ބިޝާރު އަދި ހެޑް އޮފް ރެކްރޫޓުމަންޓް އެންޑް ޑިޕްލޯއިމަންޓް ޔުނިޓް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސައިން ޝަރީފް ބައިވެރިވެލެއްވިއެވެ.

