އަތޮޅު ކައުންސިލްތަކުގެ އިޚްތިޞާޞް ވަކިކޮށް އަތޮޅު ކައުންސިލްތަކުގެ މެންޑޭޓް މި ސަރުކާރުން ކަނޑައަޅުއްވާނެ ކަމަށް ސިޓީސް ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ އެލް.ޖީ.އޭއާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން މި މަހުގެ 24 އިން ފެށިގެން މިއަދުގެ ނިޔަލަށް ހދ. ހަނިމާދޫގައި ކުރިއަށް ގެންދަވާ “ފަނޯއްލަ” ދަރުބާރުގެ މަހާސިންތާގައި ބައިވެރިން ހުށައެޅުއްވި ޕްރެޒެންޓޭޝަނާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
އެވާހަކަފުޅުގައި ވަޒީރު އާދަމްޝަރީފު ވިދާޅުވީ، އަތޮޅު ކައުންސިލްގެ މެންޑޭޓް ވަރުގަދަކޮށް، ބައެއް ކަހަލަ ޚިދުމަތްތައް ލިބޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށާއި އޭގެ ތެރޭގައި ވަޞީލަތްތައް ގާއިމްކޮށް އަތޮޅު ކައުންސިލުން، އެ އަތޮޅަކަށް ދެވޭނެ ޚިދުމަތްތައް މެންޑޭޓްގެ ތެރޭގައި ފުރިހަމަކޮށްދިނުން ހިމެނޭ ކަމަށެވެ.
ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، ކޮންމެ ރަށަކުން ޕަބްލިކް ވޯކުސްގެ ޚިދުމަތް ނުލިބުނު ކަމުގައި ވިޔަސްް މޮބައިލް ޓީމެއް ކޮންމެ އަތޮޅެއްގައި އޮތުމުގެ މުހިންމުކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން މިހާރު ވިސްނަވަމުންދަނީ، ކޮންމެ އަތޮޅެއްގައި ވެސް ޕަބްލިކް ވޯކްސްގެ ޔުނިޓެއް އުފައްދައިގެން އެ އަތޮޅެއްގައި އެ ހިދުމަތް ދެވޭނެ ގޮތް ހެދުމަށް ކަމަށް ވަޒީރު އާދަމް ޝަރީފް ވަނީ ވިދާޅުވެފަައެވެ.
މި މަހުގެ 24 ވަނަ ދުވަހު ހދ. ހަނިމާދޫގައި ފެށުނު އެލް.ޖީ.އޭއާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ގެންދާ “ފަނޯއްލަ” ދަރުބާރު މިއަދުގެ ނިޔަލަށް ކުރިއަށް ދާއިރު ސިޓީތަކުގެ މޭޔަރުންނާއި، އަތޮޅުތަކުގެ އަތޮޅު ކައުންސިލަރުންނާއި، އަދި ރަށު ކައުންސިލްތަކުގެ ރައީސުންްނާއި ބައެއް ކައުންސިލަރުން މި ދަރުބާރުގައި ބައިވެރިވެލައްވައެވެ.

