ތިލަފުށިން، ދިވެހިންނަށް އެކަނި ބިން ގަނެވޭގޮތަށް ކަނޑައަޅައި، ބިން ވިއްކަން ހުޅުވާލުމަށް އެޗްޑީސީ އިން ތައްޔާރުވެއްޖެއެވެ.
އެޗްޑީސީ އިން މިގޮތަށް ކަންތައް ކުރުމަށް ނިންމި ސަބަބަކީ، މާލޭ ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކަށް ފަހި މާހައުލެއް ގާއިމުކޮށް ދިނުމަށާއި ވިޔަފާރި ހަރަކާތް ހިންގުމުގެ ދާއިމީ ފުރުސަތު ހޯދައިދިނުމުގެ ބޭނުމުގައެވެ.
އިންޑަސްޓްރިއަލް މަސައްކަތްތައް ކުރުމަށާއި ވިޔަފާރީގެ ތަފާތު ބޭނުންތަކަށް އަމާޒުކޮށް ތިލަފުށިން ބިން ވިއްކުމަށް ހުޅުވާލާއިރު ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެހެމެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރުމަށް ފުރުސަތު ހޯދައިދިނުމަށް އެ ކޯޕަރޭޝަނުން އިސްކަން ދެއެވެ.
އެހެންކަމުން އެފަދަ ވިޔަފާރިތަކަށް އިތުރު ފުރުސަތު ހޯދައި ދިނުމަށް އެކަށީގެންވާ އަގުތަކެއްގައި ބިން ދޫކުރުމަށް ވެސް އެ ކޯޕަރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ހަމަމިއާއެކުގައި، ތިލަފުށީގައި ބިން ބޭނުންކުރެވޭ ނިސްބަތަށް ބަލައި އިތުރު ބިން ކުއްޔަށް ދޫކުރުމުގެ މަސައްކަތް ވެސް އެޗްޑީސީން ދަނީ ކުރަމުންނެވެ.

