އާދީއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ދާއިމީ ނަތީޖާގައި ރައްޔިތުންގެ މަޖިލިހުގެ 93 ގޮނޑިން 73 ގޮނޑި ސަރުކާރު ހިންގާ ޕީއެންސީ އަށް ލިބިއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާންކުރި ދާއިމީ ނަތީޖާ އިން ދައްކާ ގޮތުގައި 20 ވަނަ މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން ސީދާ ވޯޓުން 66 ގޮނޑި ލިބިފައިވަނީ ސަރުކާރު ހިންގާ މައި ޕީއެންސީ އަށެވެ. އަދި އަމިއްލަ ގޮތުން ވާދަކުރައްވައި އިންތިހާބު ކާމިޔާބު ކުރެއްވި 11 ކެންޑިޑޭޓުންގެ ތެރެއިން 7 ބޭފުޅަކު ވަނީ ޕީއެންސީ އަށް ސޮއިކުރައްވާފަ އެވެ. އެހެންކަމުން، މަޖިލީހުގައި ޕީއެންސީގެ މެމްބަރުންގެ އަދަދު މިހާރު ވަނީ 73 އަށް އަރާފަ އެވެ.
މި އިންތިހާބުގައި އިދިކޮޅު އެމްޑީޕީ އަށް ލިބިފައިވަނީ 12 ގޮނޑި އެވެ.
ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްޑީއޭއަށް ދެ ގޮނޑި އަދި އެމްއެންޕީން ގޮނޑިއެއް ކާމިޔާބުކޮށްފައިވާއިރު ޖުމްހޫރީ ޕާޓީން ވެސް އެއް ގޮނޑި ކާމިޔާބުކޮށްފައިވެ އެވެ. އިންތިހާބުގައި ދެން ވާދަކުރި ދަ ޑިމޮކްރެޓްސް އާއި އަދާލަތު ޕާޓީ އަށް އެންމެ ގޮނޑި އެއް ވެސް ލިބިފައެއް ނުވެ އެވެ.
މަޖިލިސް ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަމްބަރުގައިވާ ގޮތުގެ މަތިން މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މި ދައުރު ހިނގާނީ މެއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެންކަމުން މަޖިލީހުން އެހެން ގޮތަކަށް ކަނޑަަނާޅާހާ ހިނދަކު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާ އޮންނާނީ އަންނަ މެއި މަހުގެ 13 ގައެވެ. އަދި ވިހި ވަނަ މަޖިލީހަށް އިންތިހާބުވި ބޭފުޅުން ހުވާ ކުރައްވާނީ ކުރިއަށް މިއޮތް މެއި މަހުގެ 28 ވަނަ ދުވަހު އެވެ.

