ސްކޭމް ކޯލްތައް ހުއްޓުވުމަށް، ދިރާގުން ހޯދާ ހިދުމަތުގެ މަޢުލޫމާތު ޑީ.އެން.އާރަށް އެނގޭނެ އެއްބަސްވުމެއްގާ ސޮއިކޮށްފިއެވެ.
މިއީ ދިރާގުގެ ކަސްޓަމަރުން ވެރިފިކޭޝަން ޕްރޮސެސް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އެކުންފުނިން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އެކުވެވުނު އެއްބަސްވުމެކެވެ.
ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑާއެކު މިއަދު ވެވުނު އެ އެއްބަސްވުމުގެ ދަށުން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންއިން ބަލަހައްޓަމުންގެންދާ ދިވެހިރައްޔިތުންގެ މަޢުލޫމާތު، އެނގޭނެ ކަމަށް ބުނެފައި ވެއެވެ. އަދި ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް އާ ޙިއްޞާ ކުރުމަށް، ދެ ފަރާތުން ގެންގުޅެންޖެހޭނެ އުޞޫލުތައް ބަޔާން ކުރެވިފައި ވެއެވެ.
އެ އެއްބަސްވުމުގައި ސޮއިކުރެވުމާއެކު ޑީ.އެން.އާރުގެ އޭ.ޕީ.އައި އޮތެންޓިކޭޝަން ކްރިޑެންޝަލްސް މެދުވެރިކޮށް ޑީ.އެން.އާރުން ބަލަހައްޓަމުން އަންނަ ދިވެހި ރައްޔިތުންގެ މަޢުލޫމާތު ހިއްސާ ކުރެވިގެންދާނެ ކަމަށްވެސް ބުނެފައި ވެއެވެ.

މީގެ އިތުތުރުން މި އެއްބަސްވުމުގެ ދަށުން ދިރާގުން ރައްޔިތުންނަށް މިހާރު ޢާންމު ވަމުން މިދާ ސްކޭމް ކޯލްތައް ހުއްޓުވުމަށް މިކަމުގެ ސަބަބުން ވަރަށް ބޮޑަށް އެހީތެރިވެދޭނެ ކަމަށާއި، އެއީ ކޮންމެ މީހަކުވެސް ސިމްކާޑެއް ނަގަން ދިއުމުން ނުވަތަ ދިރާގުގެ އެއްވެސް ޚިދުމަތެއް ނަގާނަމަ އެ ފަރާތެއްގެ މަޢުލޫމާތު ޑީ.އެން.އާރު ގައި ހުރި މަޢުލޫމާތު ބޭނުންކޮށްގެން ވެރިފައި ކުރެވޭނެތީ ކަމަށް ވެސް ބުނެފައި ވެއެވެ.
ދިރާގު ކަސްޓަމަރުންނަށް އިތުރު ސަލާމާތްތެރިކަން މި ކަމުގެ ސަބަބުން ލިބިގެންދާނެ ކަމަށާއި، އަދި ޑީއެންއާރްގެ ފުރިހަމަ އެއްބާރުލުން ދިރާގަށް އަބަދުވެސް ލިބިގެންދާނެކަމުގެ ޔަޤީންކަންވެސް ވަނީ ދީފައެވެ.
މި ގޮތުން އޮޅުވާލައިގެން ސިމްކާޑު ނެގުންވެސް މި އެއްބަސްވުމާއިއެކު ހުއްޓުވިގެން ދާނެ ކަމަށް ބުނެފައި ވެއެވެ.

