ތަނަވަސްކަމުގެ އަހުލުވެރިންނާއި، ގައިބާރުހުރެ މަސައްކަތްކުރުމުގެ ކުޅަދާނަކަން ލިބިފައިވާ މީހާ ޒަކާތުގެ ފައިސާ ނެގުމަކީ އިސްލާމްދީން ނަހީކުރައްވާފައިވާ ކަމެއް ކަމަށް މިއަދުގެ ހުކުރުގެ ހުތުބާގައި ބުނެފިއެވެ.
ޒަކާތަކީ މުދާވެރިއަކު ފޯރުކޮށްދޭ ފަރުދީ އިޙްސާންތެރިކަމެއް ނޫން ކަމަށާއި، އެއީ، މުއްސަނދިންގެ މުދަލުން ނަގައި، އޭގެ ޙައްޤުވެރިންނަށް އަދާކުރަންޖެހޭ ޙައްޤެއް ކަމަށެވެ. އަދި މުއްސަނދިންގެ މުދަލުން ޒަކާތް ނެގުމުގެ ބޭނުމަކީ އެއްވެސް ޙާލެއްގައި އެބައިމީހުންގެ ތަނަވަސްކަން ނިގުޅައިގަނެ އެއުރެންގެ ޙައްޤުތަކަށް އަރައިގަތުމެއް ނޫން ކަމަށެވެ.
މުދަލު ޒަކާތް ދިނުމަކީ ދީނުގެ މަތިވެރި ރުކުނަކަށް ވީ ނަމަވެސް، އެއާމެދު ވަރަށް ގިނަ މީހުންގެ ހޭލުންތެރިކަން ކުޑަ ކަމަށްވެސް ހުތުބާގައިވަނީ ފާހަގަ ކޮށްފައެވެ.
“ބައެއް މީހުން ހީކުރާ ގޮތުގައި ރަމަޟާންމަހު ފިޠުރުޒަކާތް ދެއްކުމުން ފުދުނީ. އަނެއް ބަޔަކު ދެކޭގޮތުގައި ތިމާއަކީ ބޮޑު ވިޔަފާރިވެރިއަކަށް ނުވާތީ، ތިމާ ޒަކާތް ދައްކާކަށް ނުޖެހޭނެ. މުދަލުޒަކާތް، ދައުލަތަށް ދެއްކުމަށް ދެކޮޅުހަދާ ބަޔަކު ވެސް އުޅޭ. މިފަދަ މީހުން ހީކުރާ ގޮތުގައި ޒަކާތުގެ ފައިސާ ދައުލަތާ ޙަވާލުކުރުމުގެ ބަދަލުގައި، ނިކަމެއްޗަކަށް ނުވަތަ ފަޤީރަކަށް ދިނުމުން ފުދޭނެ.” ހުތުބާ
ޢިލްމުވެރިންނާއި ހަވާލާދީ ހުތުބާގައި ބުނެފައިވަނީ ދައުލަތުން ޒަކާތް ނެގުމަށް ހަމަޖައްސަވާފައިވާ ރަސްމީ އިދާރާއަށް ޒަކާތް ދެއްކުމުން ޒަކާތް ދައްކާ މީހާގެ ޒިއްމާއިން ބަރީޢަވާނެ ކަމަށެވެ.
މުދަލު ޒަކާތް ދިނުމަކީ ދީނުގެ މަތިވެރި ރުކުނަކަށް ވީ ނަމަވެސް، އެއާމެދު ވަރަށް ގިނަ މީހުންގެ ހޭލުންތެރިކަން ކުޑަ މިހާރަކަށްއައިސް ކުޑަކަމަށާއި، ބައެއް މީހުން ހީކުރާ ގޮތުގައި ރަމަޟާންމަހު ފިޠުރުޒަކާތް ދެއްކުމުން ފުދުނީ ކަމަށްވެސް ބުނެފައި ވެއެވެ. އަނެއް ބަޔަކު ދެކޭގޮތުގައި ތިމާއަކީ ބޮޑު ވިޔަފާރިވެރިއަކަށް ނުވާތީ، ތިމާ ޒަކާތް ދައްކާކަށް ނުޖެހޭނެ ކަމަށް ދެކޭބަޔަކު އެބަތިއްބެވެ.
ޒަކާތުގެ ޝަރްޢީ މަޤްޞަދުތައް ޙާޞިލުކުރެވޭނީ ތަނަވަސްކަމުގެ އަހުލުވެރިން، އެބައިމީހުންގެ މައްޗަށް މާތް ﷲ ފަރުޟު ކުރައްވާފައިވާ މުދަލު ޒަކާތް އަދާކޮށްގެންނެވެ. މުސްލިމް އިންސާނަކު، އޭނާ މާދަމާ ކާނީ ކޮން އެއްޗެއްތޯއާއި، ނުވަތަ އޮނުއޮރިޔާން ނިވައިކުރާނީ ކިހިނެއްތޯއާއި، ބޭސްފަރުވާކުރާނީ ކިހިނެއް ކަމާމެދު ވިސްނައި ފިކުރުކޮށް ގޮތްހުސްވެ، އޭނާގެ ހިތަށް ކުރާ އަސަރާއި، އަޅާވޭނުން އޭނާ ސަލާމަތްކޮށްދިނުމަކީ ކޮންފަދަ މަތިވެރިކަމެއް މަަތިވެރިކަމުގެ ތެރޭން ހިމެނޭ ކަމެކެވެ. މި އުންމަތަކީ އެއް އުންމަތެއް ކަމަށާއި، އެއް މުސްލިމަކީ އަނެއް މުސްލިމާގެ އަޚެެއްކަމަށެވެ.
އިސްލާމީ ރިވެތި އުސޫލަކީ ތިމާއަށް މިއަދު ތަނަވަސްކަމެއް ލިބިފައިވާނަމަ، އެ ތަނަވަސްކަމުން މިންވަރެއް ހޭދަކޮށްގެން ތިމާގެ މުސްލިމް އަޚާއަށް އެހީތެރިވުމެވެ. ތިޔަބައިމީހުން މާތް ﷲ އަށް ބިރުވެތިވެ، އެކަލާނގެ ދެއްވި މުދަލުން ހޭދަކުރުމަށް ގޮވާލާކަމަށްވެސް ބުނެފައި ވެއެެެވެ.
އިސްލާމްދީން ބާރުއަޅަނީ ޙަލާލު ގޮތުގައި މަސައްކަތް ކޮށްގެން ރިޒުޤު ހޯދުމަށެވެ. ކުރާނޭ މަސައްކަތެއް އޮވެފައި، އެ މީހެއްގެ ހަށިގަނޑުގައި ވަރުހުރި ނަމަ، އެފަދަ މީހަކު ޒަކާތް ލިބިގަތުން ހުއްދަ ނުވާނެކަމަށް ކީރިތި ރަސޫލާ ވަނީ އަންގަވާފައެވެ.

