ކޯޓުތަކާއި ގުޅުންހުރި ހުރިހާ އިދާރާއެއް އެއް ވިއުގައަކުން ގުޅާލުމަށް އިންޓަގްރޭޓެޑް ކޯޓް މެނޭޖުމަންޓު ސިސްޓަމް (އައިސީއެމްއެސް) އިފްތިތާހުކޮށްފިއެވެ.
މިއީ ދިވެހިރާއްޖޭގެ ކޯޓުތަކާއި އަދި ޝަރުއީ ދާއިރާގެ ހުރިހާ ކަމާ ގުޅުންހުރި އިދާރާތަކެއް އެއް ވިއުގައަކުން ގުޅާލަދިނުމަށް ނިންމާފައިވާ ނިންމުމެކެވެ.
މި ސިސްޓަމް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަސިމް ޢަދުދާނެވެ. މި ރަސްމިއްޔާތު ބޭއްވީ މީރުމާ ހޮޓެލްގައއެވެ. ޑީޖޭއޭގެ ޗީފް އެޑްމިނިސްޓްރޭޓަރ އައިޝަތު ރިޒްނާ ވިދާޅުވީ މި ސިސްޓަމްގެ ސަބަބުން ކޯޓުތަކަށް ހުށަހެޅިގެންދާ މައްސަލައިގެ ބެކްލޮގް ވަރަށް ބޮޑަށް ދަށްވާނެ ކަމަށެވެ. އަދި މީގެ ސަބަބުން ކޯޓުތަކުގެ ހިންގުން ހަރުދަނާވެ، އަވަހަށް އަދުލު އިންސާފު ލިބުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މި އެއްބަސްވުމުގައި ނިންމާފައިވަނީ ކޯޓްތަކަށް ހުށައެޅޭ ދައުވާ ފޯމު އެންޓްރީ ކުރުމާ ކޭސް ރަޖިސްޓްރޭޝަންއާ ކޭސްއަށް ފަނޑިޔާރުން ހަމަޖެއްސުމާ ކޭސް ޝެޑިއުލިންއާ ކޯޓު އަމުރު ތައްޔާރުކުރުމާއި އަދި ހުކުމް ކުރުންވެސް މި ސިސްޓަމްގެ ތެރެއިން ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި ޑީޖޭއޭ އިން މައުލޫމާތު ދެވޭނެ ކަމަށްވެސް ފާހަގަ ކޮށްފައި ވެއެވެ. މީގެ އިތުރުން މި ސިސްޓަމް ފަރުމާކޮށްފައި ވަނީ އާންމުންނަށް ވެސް އެކްސެސް ލިބޭ ޕޯޓަލްއަކާ އެކު އެވެ.
އޭގެ ސަބަބުން އާންމުންނަށް މައްސަލަތަކުގެ ސްޓޭޓަސް ބަލާލެވޭނެ ގޮތްވެސް ހިމެނިގެންދާ ކަމަށް ވަނީ ފާހަގަ ކޮށްފައެވެ.
މި ސިސްޓަމް ފަރުމާ ކުރުމުގައި އިނގިރޭސިވިލާތުގެ ހައި ކޮމިޝަނާއި ޔޫއެންޑީޕީން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

