ބޭސްވެރިކަން ކިޔަވާ ދަރިވަރުންގެ ކިޔެވުމަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް ނުކުރައްވާނެކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވާފައިވާކަމަށް މޯލްޑިވްސް ނެޝަނަލަް ޔުނިވާސިޓީ ސްޓޫޑެންޓް ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިން ބުނެފިއެވެ.
އެެމްއެންޔޫއެސްޔޫ އިން ނެރުނު ބަޔާނެއްގައި ވަނީ 26 އޭޕްރީލް ވީ ހުކުރު ދުވަހުގެ ރޭ 20:30 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކަމާބެހޭ އިސްވެރިންނާއެކު ބައްދަލުވުމެއް ބާއްވާފައިވާކަމަށާ މި ބައްދަލުވުމުގައި ސަރުކާރުން، މެޑިސިން ކިޔަވާ ދަރިވަރުންގެ ކިޔެވުމަށް ހުރަސްއެޅޭނެ ފަދަ އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައިވާކަމަށެވެ.
އެގޮތުން ދަރިވަރުންގެ ތަޢުލީމީ ހައްޤުތައް ރައްކާތެރިކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިސްކަން ފާހަކަ ކުރައްވާ، މިހާރަށްވުރެ ފުރިހަމަ ފެސިލިޓީތައް ޤާއިމުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވާކަމަށްވެސް އެމްއެންޔޫއެސްޔޫގެ ބަޔާނުގައި ވެއެވެ.
"ދަރިވަރުންގެ ހައްގުތައް ރައްކާތެރިކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވަޑައިގެން، އެކަަމަށް އިސްކަން ދެއްވާކަމާއި، މިހާރަވަށްވުރެ ފުރިހަމަ ފެސިލިޓީއެއް ގާއިމްކޮށްދެއްވާނެ ކަމުގެ ޔަގީންކަންވެސް ވަނީ އަރުވާފައެވެ. އަދި ސިއްހީ ދާއިރާއަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް އިސްކަމެއް ދެއްވައިގެން ކުރިއަރުވަން ބޭނުންވާ ދާއިރާއެއްކަންވެސް ފާހަގަކުރައްވާފައި ވެއެވެ،". އެ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ، މި ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ދަރިވަރުންނަށް ދެރަގޮތެއް ނުވާނެ ކަމުގެ އުއްމީދު ދެއްވާފައިވާ ކަމަށެވެ. އަދި މިކަމަމީ އެތައް ހާސް ދަރިވަރުންގެ މަސްލަހަތު ހިމެނޭ ކަމަކަށްވެފައި، މެޑިސިން ކިޔަވާ 200 އެތަކެއް ދަރިވަރުންނަށް ދާއިމީ ހިޔާވަހިކަމެއް ލިބެންދެން ދަރުމަވަންތަ ހޮސްޕިޓަލުގެ 8 އަދި 14 ވަނަ ފަންގިފިލާފައި ތިބެވޭނެ ކަމުގެ އުއްމީދު އާވެފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

