އިސްލާމީގއުގަނޑުގެ ތެރޭގައި ދަރިން ތަރުބިއްޔަތުކޮށް، އެދަރިންގެ ހިތުގައި އިސްލާމްދީނަށާއި ކީރިތިޤުރުއާނަށް ލޯބިއުފެއްދުމަށްމަސައްކަތްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެދިވަޑައިގެންފިއެވެ.
މެޑަމް ސާޖިދާ މިކަމަށް އެދިވަޑައިގެންނެވީ ‘ޗައިމްސް ޕްރީސްކޫލް ގްރެޖުއޭޝަން ސެރަމަނީ – ކްލާސް އޮފް 2023-2024’ ޝަރަފުވެރިކޮށްދެއްވައި، ދަރިވަރުންނާއި ބެލެނިވެރިންނާ މުހާތަބު ކުރައްވައި ޖަލްސާގައި ދެއްކެި ވާހަކަފުޅުގައެވެ.
މި ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން/ފަސްޓްލޭޑީ ސާޖިދާ ދެއްކެވި ވާހަކަފުޅުގައި، ހުރިހާ ކުދިންވެސް މުދައްރިސުންނާއި، މައިންބަފައިންގެ ހެޔޮބަސް އަހައިގެން ކިޔެވުމަށް ގަދައަޅައި މަސައްކަތްކުރުމަށް ބާރުއެޅުއްވިއެވެ. އަދި ދަރިވަރުން ވީހާވެސް "ސްކްރީން ޓައިމް" މަދުކުރުމަށްވެސް އެކަމަނާ ބާރުއެޅުއްވިއެވެ. ހަމަ އެއާއެކު ބެލެނިވެރިންނާ މުޚާޠަބު ކުރައްވައި އެކަމަނާ ވަނީ ދަރިންނަށް ވަގުތު ދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި، ކުދިންނާއެކު ވަގުތު ހޭދަކުރުމަށްވެސް ބާރުއަޅުއްވާފައެވެ.
މި ޖަލްސާގައި ދަސްވެނިވި 23 ދަރިވަރުންނަށް އެވޯޑާއި ސްކްރޯލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.
ހަމައެހެންމެ، ދަރިންނަކީ އިސްލާމީ ގިއުގަނޑުގެ ތެރޭގައި ތަރުބިއްޔަތު ވެގެން އަންނަ ކުދިންނަށް ހެދުމަށް ބެލެނިވެރިންނަށް އިލްތިމާސްކުރެއްވިއެވެ. އަދި ކުދިންގެ ހިތުގައި ޤުރުއާނަށް ލޯބި އުފެއްދުމަށް މަސައްކަތްކޮށްދެއްވުމަށް ބެލެނިވެރިންގެ ފަރާތުން އެކަމަނާ އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން، މުދައްރިސުންނަކީ ކުދިންގެ ދެވަނަ ބެލެނިވެރިން ނުވަތަ މައިންބަފައިންކަމުގައި ވިދާޅުވެ، މުދައްރިސުން ކުރާ ބުރަ މަސައްކަތްތައް ފާހަގަކުރައްވައި އެކަމަށްޓަކައި މެޑަމް ސާޖިދާ މުދައްރިސުންނަށް ޚާއްޞަ ޝުކުރެއް އަދާކުރެއްވިއެވެ.
މިއަދުގެ ޖަލްސާގައި ޗައިމްސް ޕްރީސްކޫލްގެ ދަރިވަރުންގެ ފަރާތުން ޚާއްޞަ ކުރެހުމެއް ފަސްޓްލޭޑީ ސާޖިދާއަށް އެރުވިއެވެ.
ޗައިމްސް ޕްރީސްކޫލްގައި މިހާރު 117 ދަރިވަރުން ތަޢުލީމު ހާސިލުކުރަމުންދެއެވެ.

