އަޑުއެހިންހެއްޔެވެ. އެއީ މީގެ 3 އަހަރު ކުރިއެވެ. މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރުމުށްޓަކައި އިންޑިޔާގެ އެފްކޮންސް ކުންފުންޏާއި އެކު އެއްބަސްވުމެއްގައި ސޮއި ކުރިއެވެ.
މިއީ އެބިޔަ ބޮޑު މަސައްކަތުގެ ހުރިހާ މަރުހަލާއެއް ނިންމައި ބޭނުންކުރުމަށް ހަމަޖެހިފައިވާ މަހެވެ. މާނައަކީ މި މެއި މަހުގެ 17 ވަނަ ދުވަހަކީ ބްރިޖުގައި ކުރަން ހުރި ހުރިހާ ކަމެއް ނިންމައި ދިވެހި ދައުލަތާއި ހަވާލުކުރާނޭ ދުވަހެވެ.
ނަމަވެސް މިއަދުގެ ގަބޫލުކުރަން ޖެހޭ ހަގީގަތަކީ، އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުނިމި ދިގުލައިގެން ދިއުމެވެ. ސްލޯ ކަމުގެ އިހްސާސް އެންމެނަށް ވަނީ ކުރެވިފައެވެ. ނަތީއްޖާއެއްގެ ގޮތުން ވެރިކަމުގެ އެންމެ ފަހު ދުވަހު ނޮވެމްބަރު 16ގައި އެ އެއްބަސްވުމުގެ މުއްދަތު ސެޕްޓެމްބަރު 30، 2026އަށް ވަނީ އިތުރުކޮށްފައެވެ.

ތިލަމާލެ ބްރިޖްގެ އެންމެފަހުގެ މަސައްކަތްތައް: ފޮޓޯ/ޕްލޭނިން މިނިސްޓްރީ
އެފްކޮންސްއިން އެންމެ ފުރަތަމަ ސަރުކާރާއެކު ގާއިމު ކުރި އެއްބަސްވުމުގެ ދަށުން މާލެއިން ފެށިގެން ގުޅީފަޅާ ހަމައަށް ގުޅާލަން އެއްބަސްވީ 27 މަސް ދުވަސް ތެރޭގައެވެ. ޝެޑިއުލާ އެއްގޮތަށް މަސައްކަތް ގެންދިޔަ ނަމަ، މިދިޔަ ޑިސެމްބަރު މަހު ގުޅާލާ ގޮތަށް އޮތް ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ.
ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.
ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ރައީސް ސޯލިހުގެ ވެރިކަން ނިމުނު އިރު ފެނުން މައްޗަށް އެންމެ ތަނބެއް ވެސް ހިއްލާނުލެވުނު ކަމެވެ. 7.7 ބިލިއަން ރުފިޔާގެ ބޮޑު ދަރަންޏެއް ބޮލުގައި އެޅުވި ކާމިޔާބާއި ހަމަޔަށް ވާސިލްވާނޭ އެވެސް ގޮތެއްނެތި އުއްމީދުތައް ދިޔައީ ފަނުފުލުންނެވެ.
3 އަހަރުން 20 ޕަސެންޓްގެ މަސައްކަތް ނިމިފައިވާ ބްރިޖްގެ މަސައްކަތް އެންމެ 4 މަހުން 7 ޕަސެންޓް ނިންމާލެވުމަކީ ބްރިޖެއް އަޅާ ކަމުގެ އިހުސާސް ކުރެވެން ފަށައިފިކަމުގެ ހެއްކެކެވެ. ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި މަސައްކަތަށް ބޭނުންވާ އިތުރު ވަސީލަތްތަކާއެކު، މިއަށްވުރެ ވެސް ބާރު ސްޕީޑުުގައި މަސައްކަތް ހަލުވި ވާނެކަމުގެ ޔަގީންކަން ރައީސުލް ޖުމްހުރިއްޔާ ޑރ މުޙައްމަދު މުއިއްޒުގެ ސަރުކާރުން ދެއްވައެވެ.

މާޅެއިން ތިލަމާލެ ބްރިޖް ގުޅާލާ ސަރަހައްދު، ބްރިޖްގެ މަސައްކަތުގެ ސްޕީޑްވަނީ ބޮޑުތަނުން އަވަސްވެފައި/ ފޮޓީ: މިހާރު
މިވަގުތު އެންމެ ބޮޑަސް އިސްކަންދެނީ ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދަން ކަމަށާއި އެއަށްފަހު ބްރިޖުގެ މަސައްކަތް ނިންމާލެވޭނެ މުއްދަތާ ގުޅޭގޮތުން މަޝްވަރާ ކުރާނެ މިނިސްޓްރީން ވަނީ މީގެ ކުރިންބުނެފައެވެ.
މިނިސްޓްރީން އާންމުކުރި ތިލަމާލެ ބްރިޖުގެ މައުލޫމާތުގައިވާ ގޮތުން، ތަނބުތަކުގެ ޕައިލިން މަސައްކަތުގެ 58 ޕަސެންޓް މިހާރު ވަނީ ނިމިފަ އެވެ. ޕައިލް ކެޕިންގެ 43 ޕަސެންޓް މަސައްކަތް ނިމިފައިވާއިރު ޕިއާ ކޮލަމްގެ 40 ޕަސެންޓް މަސައްކަތް ވަނީ ނިމިފަ އެވެ.
މިހާރު ކަނޑައަޅާފައިވާ ޝެޑިއުލާ އެއްގޮތަށް މަސައްކަތް ދާ ނަމަ، އަންނަ އަހަރު ފެބްރުއަރީ އަށް މާލެ އާއި ވިލިމާލެ ގުޅާލެވޭނެއެވެ. އަދި މުޅި މަޝްރޫއު ނިންމާލެވޭނެ ކަމަށް ލަފާކޮށްފައި ވަނީ 2026 ވަނަ އަހަރުގެ ފަހުކޮޅުގަ އެވެ. އެހެންނަމަވެސް ފަހުން އެއްބަސްވުން އާކުރި ތާރީހަށް ވުރެ ކުރިން ނިންމާލެވޭނެ ކަމަށް މިހާރުވެސް އަންދާޒާ ކުރެވެއެވެ.

