ފުލުހުންގެ ސީނިއަރ އޮފިސަރަކު ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެއެވެ. މިއީ ފުލުހުންގެ މުޅި މަހުކަމާއަށް، މުޅި އެ އާއިލާއަށް ކުއްލި ހިތާމަވެރިކަމެއް ގެނައި ކަމެކެވެ.
މިއަދު ނިޔާވެފައި ވަނީ، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި، ވ. ނަސީމާ މަންޒިލް މުޙައްމަދު ޒިޔާދެވެ. އޭނާ ނިޔާވި އިރު އުމުރަކީ 44 އަހަރެވެ.
ޒިޔާދު ފެނިފައި ވަނީ ވެއްޓިފައި އޮއްވައި ކަމަށާއި، ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް، އާއިލާ އާއި ރަޙްމަތްތެރިންގެ ފަރާތުން މައުލޫމާތު ލިބިފައިވެއެވެ.
ޒިޔާދު ކުއްލި ގޮތަކަށް ނިޔާވުމާއި ގުޅިގެން އެކަމުގެ ހިތާމައިގައި، ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އާއިލާއަށް ތަޢުޒިޔާ ފޮނުވާފައެވެ.
ޒިޔާދުގެ ޖަނާޒާ އޮންނާނީ މިއަދުގެ ޢަޞްރު ނަމާދަށް ފަހުގައި، ހުޅުމާލޭ ސަހަރާގައެވެ. ޒިޔާދުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ، މިއަދުގެ ޢަޞުރު ނަމާދަށް ފަހުގައި ހުޅުމާލެ ސަހަރާ މިސްކިތް، މަސްޖިދު ޒައިދު ބިން ޘާބިތުގައެވެ.

