މި ނިމިދިޔަ ރަމަޟާން މަސް ފެށުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެ ވަޑައިގެންނެވި ގޮތަށް، ރޯދަމަހުގެ ކަރަންޓް ބިލްތަކުން ޖުމުލަ 45 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވާނެ ކަމަށް، ޔުޓިލިޓީ ކުންފުނިތައް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީއާއި ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ޔުޓިލިޓީ ކުންފުނި، ސްޓެލްކޯ އަދި ފެނަކައިން މި މައުލޫމާތު ހާމަކުރީ، މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ އާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ރޯދަމަަހުގެ ކަރަންޓު އަދި ފެން ބިލުތަކަށް ދީފައިވާ ޑިސްކައުންޓާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ވިދާޅުވީ މި ޑިސްކައުންޓަކީ ރައީސްގެ ވައުދުފުޅެއްކަމަށާއި މިއީ ވަރަށްވެސް ދީލަތި ޑިސްކައުންޓެއް ކަމަށެވެ.
ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވީ، ސްޓެލްކޯ އިން ބިލު ތައްޔާރުކުރާ ގޮތުން ރޯދަމަހުގެ އެއް ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހަށް ބިލު ނުހެދޭ ކަމަށާއި ނަމަވެސް ރޯދަމަހުގެ ދުވަސްތައް ހިމެނޭ ދެ ބިލުންވެސް ޑިސްކައުންޓް ދީފައިވާނެ ކަމަށެވެ. އެގޮތުން ފެނާއި ކަރަންޓުގެ ޑިސްކައުންޓް ގޮތުގައި އެ ކުންފުނިން އެކަނިވެސް 20 މިލިއަން ރުފިޔާ ކަނޑައިދީފައިވާނެ ކަމަށް ވިދާޅުވިއެވެ.
“ޖުމްލަ ގޮތެއްގައި، ޑިސްކައުންޓް ދިނުމާއި މިކަހަލަ ކަންތައްތައް މި ހިންގަވަނީ ސަރުކާރުން އަޅުގަނޑުމެންނަށް ސަބްސިޑައިޒް ކުރަނީ، މަނައަކީ ޑިސްކައުންޓް ދީފިއްޔާ އެޑިސްކައުންޓް ދޭ އަދަދު ދައުލަތުން އަޅުގަނޑުމެންނަށް ލިބޭނެ، އެހެންވީމަ ސަރުކާރުން ދެއްވާ ޑިސްކައުންޓެއްގައި އަޅުގަނޑުމެން ހަމަ އެއުސޫލާ އެއްގޮތަށް ކުރިއަށް ގެންދަނީ. ރަމަޟާންމަހު ޑިސްކައުންޓަށް 20 މިލިއަން ރުފިޔާ އަޅުގަނޑުމެންނަށް ދެވުނު، ފެނާއި ކަރަންޓަށް، ސްޓެލްކޯ އިން އެކަނި،”
ފަހުމީ އިތުރަށް ވިދާޅުވީ، ރޯދަމަހުގެ ކަރަންޓު ބިލްތަކުން ޑިސްކައުންޓް ދިނުމަކީ ރައީސް ނިންމެވި ހިކުމަތްތެރި ނިންމެވުމެއް ކަމަށާއި ނަމަވެސް އެއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
“ސަސްޓެއިނަބްލް މޮޑެލްއެެއް ނޫން ނަމަވެސް ރަައީސުލްޖުމްހޫރިއްޔާ އަށް ފެނިލެއްވީ އިގްތިސާދު އޮތް ގޮތުން މިވަގުތު ރައްތިތުންގެ ހާލަތު ހުރި ގޮތުން، އަދި ކޭޝްފްލޯ ހުރި ގޮތުން ރޯދަމަހަށް ލުޔެއް ދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވި ޑިސްކައުންޓެއް މި ޑިސްކައުންޓަކީ، އެހެންވީމަ ވަރަށް އޯގާތެރި ޑިސްކައުންޓެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ،”
ފަހުމީ ވިދާޅުވީ ރޯދަމަހަށް ހާއްސަކޮށްގެން ރައީސް ޑރ މުއިއްޒު ދެއްވި ޑިސްކައުންޓަކީ ވަރަށް އޯގާތެރި ޑިސްކައުންޓެއް ކަމުގައެވެ. ފަހުމީ ވިދާޅުވީ، ރޯދަމަހުގެ ކަރަންޓު ބިލްތަކުން ޑިސްކައުންޓް ދިނުމަކީ ރައީސް ނިންމެވި ހިކުމަތްތެރި ނިންމެވުމެއް ކަމަށާއި ނަމަވެސް އެއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ، ރައީސްގެ ނިންމެވުމާ އެގޮތަށް ރޯދަމަހުގެ ކަރަންޓާއި ފެނުގެ ބިލުތަކުން ޖުމުލަ 25 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވާ ކަމަށެވެ. އެ ޑިސްކައުންޓް ދިނީ އެވްރެޖް ބިލަކަށްވާ ވަރަށް ކަމަށާއި އެ މިންގަނޑަށް ނުފެތޭ ބިލުތަކުންވެސް 10 ޕަސެންޓުގެ ޑިސްކައުންޓް ދީފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

