ކަރަންޓް ބޭނުން ކުރެވޭ މިންވަރު ދުވަހުން ދުވަހަށް ބަލާލެވޭ ސްމާޓް މީޓަރުގެ ޕްރޮޖެކްޓާއެކު ރައްޔިތުންނަށް ލުއި ފަސޭހަވުމާއެކު ކަރަންޓު ބިލްވެސް ކުޑަވެގެން ދާނެ ކަމަށް ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު އަހުމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުޢާޒު ވިދާޅުވީ، ނިމިދިޔަ ރޯދަ މަހުގެ ކަރަންޓު ބިލް ބޮޑުވެގެން ގިނަ ބަޔަކު ޝަކުވާ ހުށަހަޅާފައިވާ ކަމަށާއި އެ ޝަކުވާތަކާއި ގުޅިގެން ރީޑިންގ ނެގުމުގައި މައްސަލައެއް އުޅޭތޯ އާއި ޔޫއާރއޭއިން ކަނޑަޅާފައި ހުރި މިންގަނޑުތަކަށް ބިލު ކުރެވުފައި ހުރިތޯވެސް ބެލި ކަމަށެވެ. ނަމަވެސް އެކަހަލަ އެއްވެސް މައްސަލައެއް ނެތް ކަމަށް މުއާޒު ވަނީ ވިދާޅުވެފައެވެ.
މުއާޒު ވިދާޅުވީ ރޯދަމަހުގެ ކަރަންޓު ބޭނުން ކުރެވުނު މިންވަރު އިތުރުވުމުގެ ސަަބަބުންނާއި އެ ދުވަސްވަރު ހޫނުގަދަ ވުމުގެ ސަބަބުން ބިލް ބޮޑުވެފައިވާ ކަމަށާއި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެގެން ދިޔަ ކަމަށެވެ.
ކަރަންޓު ބިލު ބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ފެނަކަ ކޯޕަރޭޝަންއިން ސްމާތް މީޓަރ ތައާރަފު ކުރުމުގެ ޕްރޮޖެކްޓްއެއް ކުރިއަށް އެބަ ގެންދޭ ކަމަށް އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
މުއާޒު މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ކަރަންޓު ބިލު ބޮޑުވުމާއި ގުޅިގެން ނޫސްވެރިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މުއާޒު ވިދާޅުވީ ސްމާޓު މީޓަރާއި އެކު އެވަގުތު ކަރަންޓުބިލައް އަރާފައިވާ މިންވަރު ބަލާލެވޭނެ ކަމަށެވެ. އަދި މިއަދު ކަރަންޓު ބިިލަށް އެރި ވަރު މާދަމާ ބެލެން ހުންނާނެ ކަމަށެވެ. އެހެން ކަމުން ކަރަންޓު ބިލު ކުޑަކުރަން ފަސޭހަ ވެގެން ދާނެ ކަމަށެވެ. އަދި މިހާރު ބައެއް ރަށްރަށުގައި އެއްކޮށްހެން ސްމާޓު މީޓަރ ޕްރޮޖެކްޓް ކުރިއަށް ގެންދަން ނިންމައިފައިވާނެ ކަމަށެވެ. މިގޮތުން އެންމެ ފުރަތަމަ މި ޕްރޮޖެކްޓް ފެށިގެން ދާނީ ކުޑަހުވަދޫގައި ކަމަށާއި މިހާރު އެ ރަށުގައި މި ޕްރޮޖެކްޓް ހިންގުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީއެއްހެން ވަނީ ނިމިފައި ކަމަށެވެ.
މުޢާޒު ވިދާޅުވި ގޮތުގައި ދ. އަތޮޅުގައި މިހާރު އެ ޕްރޮޖެކްޓް ކުރިއަށް އެބަދެއެވެ. އަދި ދ.ކުޑަހުވަދޫގައި މިހާރު ޕްރިޖެކްޓްގެ މަސައްކަތް ނިމިފައިވާ ކަމަށްވެސް ވަނީ ވިދާޅުވެފައެެވެ.
ސްމާޓް މީޓަރ ޕްރޮޖެކްޓަކީ ކުރީ ސަރުކާރުގައި ފެނަކައިން ފެށި ޕްރޮޖެކްޓެކެވެ. އެ މީޓަރަކީ ކަރަންޓު ބޭނުން ކުރަމުންދާ ގޮތުގެ ތަފްސީލު ވަގުތުން ވަގުތަށް ބަލާލެވި، ކަރަންޓު މިންކުރެވޭ ޓެކްނޮލޮޖީ އެކެވެ. ސްމާޓް މީޓަރުގެ ސަބަބުން ބޭނުންކުރާ މިންވަރު ކޮންޓްރޯލު ކުރަން ފަސޭހަވެ ކަރަންޓު އިސްރާފު ކުރުން މަދު ކުރެވޭނެ ކަމަށްވެސް ފެނަކަ ކޯޕަރޭޝަނުން އޭރު ބުނެފައިވެއެވެ.

